ރައީސް ޑރ. މުހައްމަދު މުއިއްޒު،ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް އެނގިފައި ވެ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް ލަންކާގެ ރައީސް ރަނިލް ރާއްޖެ ވަޑައިގަތެވެ.
ރައީސް، ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު، މިދިޔަ މަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ރަސްމީ ދަތުރެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ޒަމީރު ވެސް ވަނީ ލަންކާގެ ރައީސާ ބައްދަލުކުރައްވައިފަ އެވެ.
އެ ދަތުރުގައި ޒަމީރު ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.