ސްރީ ލަންކާއަކީ ދިވެހިންގެ ދެވަނަ ވަޒަން ކަމަށާއި ބިނާކުރަނިވި މަޝްވަރާއަކީ ގުޅުން ބަދަހިކުރަން އެންމެ މުހިއްމު ކަންތައް ކަމަށް ލަންކާގެ އިދިކޮޅު އެއް ލީޑަރު ނަމަލް ރާޖަޕަކްސާ މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަލްގެ ދައުވަތަކަށް، ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު، އިދިކޮޅު މައި ޕާޓީ ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމޫނާ (އެސްއެލްޕީޕީ)ގެ އޮފީހަށް ކުރެއްވި ޒިޔާރަތެއްގެ ފޮޓޯތަކާ އެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަމަލް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ހަރުދަނާ ކުރަން ވެސް ބިނާކުރަނިވި ގޮތަކަށް މުއާމަލާތް ކުރުން މުހިއްމު ކަމަށެވެ.
"އެކުގައި [މަސައްކަތް ކޮށްގެން] އަޅުގަނޑުމެންގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވިދާނެ،" ގިނަ ދިވެހިންތަކަކާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ނަަމަލް ވިދާޅުވި އެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއަކީ އެ ގައުމުގެ ޕާލަމެންޓުގެ މެންބަރެކެވެ. މަހިންދަ އިސްކޮށް ހުންނަވާ އެސްއެލްޕީޕީ ހިންގެވުމުގައި ވެސް މިހާރު އެންމެ އިސްކޮށް އުޅުއްވަނީ ނަމަލް އެވެ.
އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ސަފީރު މަސްއޫދު އެސްއެލްޕީޕީގެ އޮފީހަށް ވަޑައިގަތީ ކުރިއްސުރެ އޮންނަ އެކުވެރިކަމުގެ ތެރެއިން ނަމަލް ދެއްވި ދައުވަތަކަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގެ ތެރެއިންނެވެ.
ނަމަވެސް ނަމަލް އާއި މަސްއޫދުގެ މި މުއާމަލާތް އިއްތިފާގުން ދިމާވީ ލަންކާގައި ދިިރިއުޅޭ ދިވެހިންނާ މެދު ލަންކާގެ އިިމިގްރޭޝަނުން އިހާނެތިކޮށް ކަންތައްތައް ކުރާ ކަަމުގެ ކަންބޮޑުވުން މަސްއޫދު ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނަ ދިވެހިންގެ ފަރާތުން މިހާރު ލިބިވަޑައިގަންނަވާ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.
ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހައިރާންވޭ ކީއްވެގެންތޯ ހަމައެކަނި ލަންކާއަށް ދާ ދޮން މީހުންނަށް [އިމިގްރޭޝަން] އޮފިޝަލުން އިސްކަންދެނީ،" މަސްއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށެވެ.
ދިވެއްސަކު އަމިއްލައަށް ވިސާ އަށް ހުށަހަޅައިި ނަމަ ވިސާ ލިބުމުގައި ދިގު މުއްދަތެއް ހޭދަވެ، އުނދަގޫތައް ކުރިމަތިވެ އެވެ. އެކަން އެގޮތަށް ކުރަނީ އޭޖެންޓުން ފަރާތުން އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާތަކެއް ކުރާތީ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"އޭޖެންޓެއް މެދުވެރިކޮށް ވިސާއަށް އެޕްލައި ކުރާ ނަމަ، ދިވެހިންނަށް ޖެހޭ އިތުރު ފީތައް ވެސް ދައްކަން،" މަސްއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތައުލީމު ހާސިލްކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ކަމަށް ވިޔަސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާ ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ އޮފީސް ތެރޭގައި ދިވެހިންނާ ދިމާލަށް އޮފިޝަލުން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް އެ ޝަކުވާތައް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ބައެއް މީހުން ބުނީ ދިވެހިންނަށް މަލްޓިޕުލް އެންޓްރީގެ "ބެލެންސް-ބޭސްޑް" މުއްދަތުތަކެއްގެ ގޮތުގައި ލަންކާ އިން ވިސާ ދޫކުރަމުންދާ ކަމަށެވެ. އެއްފަހަރާ ދިގު މުއްދަތެއް ނުވަތަ 90 ދުވަހުގެ ވިސާއެއް ލިބުނު ނަމަވެސް، ފުރަތަމަ ދަތުރުގައި ބޭނުންކުރެވެނީ އެ މުއްދަތުގެ ބައެއް ކަމަށާއި ބާކީ މުއްދަތު ދެން ކުރާ ދަތުރަކަށް ޓްރާންސްފާވާ ގޮތަށް ދޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ލަންކާ އަށް ދާ ދިވެހިންނަށް 90 ދުވަހު ހިލޭ ޓޫރިސްޓު ވިސާއެއް އޮން-އެރައިވަލްގައި މިހާރު ދެ އެވެ.
ލަންކާގައި ދިރިއުޅޭ ބައެއް މީހުން ތުހުމަތުކުރި ގޮތުގައި، ވިސާގެ ކަންކަން މިހާރު ފަސޭހަ ވަނީ އޭޖެންޓެއް މެދުވެރިކޮށް ތިންވަނަ ފަރާތަކަަށް ގާތްގަނޑަކަށް 150-200 ޑޮލަރު ދީގެންނެވެ.
- ވިސާ ހޯދުމުގައި އެންމެ ބޮޑަށް ދަތިތަކާ މިވަގުތު ކުރިމަތިވަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން އަންނަ އަދި އޮޕަރޭޝަންތަކަށް ފަހުގައި ރިކަވާ ވަމުން އަންނަ ބަލި މީހުންނަށް.
- ބަލި މީހާ ދަތުރުކުރުމަށް އެކަށީގެން ނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ޑޮކްޓަރީ ލިޔުންތައް ހުށަހެޅި ނަމަވެސް، ލަންކާގެ އިމިގްރޭޝަނުން ކަނޑައަޅާ ތަނަކަށް އާންމު މެޑިކަލް ޓެސްޓުތައް ހެދުމަށް ދާން މަޖުބޫރުކުރޭ.
- ލަންކާގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ދިވެހިންނަށް ވެސް ވިސާ ލިބުމުގެ ދަތިކަން މިހާރު ދަނީ ކުރިމަތިވަމުން.
- ކުރިން 10،000 އަށް ވުރެ ގިނަ ދިވެހިން ލަންކާގައި ދިރިއުޅުނު ނަމަވެސް، އެ އަދަދު މިހާރު ވަނީ 1،500-1،000 އަށް ދަށްވެފައި.
- ދިވެހިންނަށް ވިސާގެ ދަތިކަން ބޮޑުވެ، ތަފާތުކުރުންތައް ގިނަވީ 2019 ވަނަ އަހަރު ލަންކާގައި ދިން އީސްޓަ ސަންޑޭގެ ހަމަލާއަށް ފަހުގައި.