މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޭ ދަންވަރު ރޯކޮށްލައިފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވި ނަމަވެސް ސައިކަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ފުލުހުން ބުނީ، ހެންވޭރު މެހެލި ގޯޅި ނުވަތަ ކޮފީ ރެޒިޑެންސް ގޯޅި ތެރޭގައި ހުރި ސައިކަލްތަކެއްގައި ރޯވި ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 12:34 ހާއިރު ކަމަށެވެ. އެ ސަރަހައްދުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިފައިން ބުނީ، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔާ ފައިޓަރުންނަށް އެ އަލިފާންގަނޑު ނިއްވައި ލެވުނީ 12:42 ހާއިރު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމައްޗަށް އޮންނަ ޕާކިން ޒޯނު ނުވަތަ ގްރީ ޒޯން ސަރަހައްދުގައި ހުރި ސައިކަލްތަކެއްގައި ވެސް މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލި އެވެ.
އެ މައްސަލައިގެ ތުހުމަތަށް އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ތަހުގީގެ ބޭނުމަށް 30 ދުވަހަށް ބަންދު ކުރަން މި މަހުގެ ހަ ވަނަ ދުވަހު ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.
އެ ޖަރީމާގައި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.