ށ. އަތޮޅު ފަޅު ރަށެއް ކަމަށްވާ ފަރުކޮޅުން އިއްޔެ ފެނުނު 10 ފޫޓުގެ ކިނބޫ ދޫކޮށްލާނީ އަނބުރާ ރާއްޖެ ނާދެވޭހާ ދުރަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ށ. ފުނަދުއާ ޖެހިގެން އޮންނަ ފަރުކޮޅުގެ ގޮނޑުދޮށުން ކިނބޫ ފެނުނީ އެ ރަށަށް ދަތުރު ގޮސް އުޅުނު ބަޔަކަށެވެ. އެކަން ފުނަދޫ ޕޮލިހަށް ރިޕޯޓްކުރުމުން، ކިނބޫ ހިފީ ޕޮލިހުންނާއި ދަތުރުދިޔަ މީހުންވެގެންނެވެ.
ފުލުހުން ވަނީ އެމްއެންޑީއެފްއާ ކިނބޫ ހަވާލުކޮށްފަ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ އެ ކިނބުލާ މެދު ވެސް އަމަލުކުރާނީ ރާއްޖޭގެ ސަރަހައްދުން މީގެ ކުރިން ފެނިފައިވާ އެހެން ކިނބޫތަކާ މެދު ވެސް އަމަލުކުރާ ގޮތަށް ކަމަށެވެ.
އެއީ ރާއްޖޭގެ އޮއިވަރު ފަދަ ކަންކަމަށް ބެލުމަށް ފަހު، އެނބުރި ނާދެވޭ ހިސާބަށް ދޫކޮށްލުމެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އިއްޔެ ހިފި ކިނބޫ ވެސް ދޫކޮށްލާނީ ރާއްޖެ ނާދެވޭ ދުރަށެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ވީޑިއޯ އިން ފެންނަނީ އެ ރަށުގެ ހޭޅިފަށުގައި ކިނބޫ ހިފަން އަށެއްކަ ފިރިހެނުން އުޅެނިކޮށެވެ. ކުރެދި ގަސްތައް ދޮށުގައި އޮތް ކިނބޫ ހިފަން އުޅުމުން ކުއްލިއަކަށް އޭތި މޫދާ ދިމާލަށް ދާން ފެށުމުން ބިރުން އެ މީހުން ދުއްވައިގަންނަ މަންޒަރު ވީޑިއޯގައި ފެނެ އެވެ. އޭގެ ފަހުން އާއްމުވި ވީޑިއޯ އިން ފެނުނީ، ޑިންގީއެއްގައި ތިބި ބަޔަކު އެ ކިނބުލުގެ އަނގަ އެއްސުމަށް މަސައްކަތްކުރާ ތަނެވެ.
ކިނބުލަކީ ރާއްޖޭގައި އާންމުކޮށް އުޅޭ އެއްޗެއް ނޫނެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ކިނބޫ ފެނެ އެވެ. އެންމެ ފަހުން ރާއްޖެއިން ކިނބުލެއް ފެނުނީ މިދިޔަ މަހު، ކަނޑިންމަ ރިސޯޓު ކައިރިންނެވެ. އެއީ ނުވަ ފޫޓުގެ ކިނބުލެކެވެ.