އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމަށް 1.5 މިލިއަން ރުފިޔާ އައްޑޫ ސިޓީ ކައުންސިލަށް ސަރުކާރުން ޖަމާކޮށްދީފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަންނަވާއިރު އެ ބޭފުޅުން ވަނީ މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ވިދާޅުވީ އައްޑޫގައި ހުރި 68 މިސްކިތް މަރާމާތުކުރުމަށް މިސްކިތު ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ހަރަދުކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ މިހާ ބޮޑު ހޭދައެއް ކުރާ ފުރަތަމަ ފަހަރެވެ.
ރައީސް މުއިއްޒާއި އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސްވެރިއަކު ވިދާޅުވީ، އެ ފައިސާ ކައުންސިލްގެ އެކައުންޓަށް ލިބިފައިވާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ރައީސަށް ދެންނެވި ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، އައްޑޫ ހިތަދޫގައި ތަރައްގީކުރަމުން އަންނަ އިސްލާމިކް ސެންޓަރުގެ މަސައްކަތް އަވަސްކޮށް، އަންނަ އަހަރުގެ މެއި މަހަށް އެތަން އެއްކޮށް ނިންމުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އައްޑޫގެ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ދެން ވަޑައިގަންނަވާނީ ފުވައްމުލަކާއި ގއ. އަދި ގދ. އަތޮޅަށެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.