ހދ. ކުޅުދުއްފުށީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ބިދޭސީ މަސައްކަތްތެރިންތަކެއް ދިރިއުޅެމުން އައި ބްލޮކެއް އެއްކޮށް މިއަދު އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީގައި ތަރައްގީ ކުރަމުން އަންނަ 400 ހައުސިން ޔުނިޓްގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ ބްލޮކްގައި ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށެވެ. އޭގެ ބައިގަޑިއެއްހާއިރު ފަހުން، ކުޅުދުއްފުށީގައި ތިބޭ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ފަޔާ ފައިޓަރުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިޔަސް، ޓިނުން ހަދާފައިވާ އެ ލޭބާ ކުއާޓާ ވަނީ އެއްކޮށްހެން އަނދައިފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެތަނުގެ އެތެރޭގައި ހިފާ ގެންގުޅޭ ސާމާނު ވެސް ބޭނުން ނުކުރެވޭ މިންވަރަށް އަނދާފައިވާ ކަމަށެވެ. އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ސާފުނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.