އއ. އަތޮޅުގެ ފުރަތަމަ ވައިގެ ބަނދަރު، އޭނާގެ ވެރިކަމެއްގައި މި އަތޮޅު މަތިވެރީގެ ފަޅު ހިއްކައިގެން އެ ތަނުގައި ހަދަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
އއ. އަކީ ރާއްޖޭގައި އެއާޕޯޓް ނޯންނަ މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. މަތިވެރީގައި ބޭއްްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޓޫރިޒަމަށް ފައްކާވެފައި އޮތް މި އަތޮޅަށް އިތުރު ކުރިއެރުންތައް ލިބެން އޮތީ އެއާޕޯޓަ ކާއެކުގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޭނާ އަށް ކާމިޔާބު ވެއްޖެ ނަމަ މަތިވެރި ފަޅު ހިއްކައިގެން ރިސޯޓް ހަދައި ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށެވެ.
މި ސަރަހައްދުގައި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަން ޖެހޭ ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އަމާޒަކީ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިޒަމްގެ އެކިއެކި ފަހި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. ވިދާޅުވީ އެ ހުރިހާ ކަމަކާ އެކު ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ލިބޭ ތަން ފެންނާނެ ކަމަށެވެ.
އެއާޕޯޓަށް ބިން ހިއްކާއިރު، އެ ކަން ކުރާނީ ރަށަށް ބޭނުންވާ ވަރަށް ބިން ހިމަނައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މި ރަށުގައި ބިމެއް ނެތް، ހުސްވެފައި އޮތީ. މުސްތަގްބަލަށް ބޭނުންވާ ޖާގަ އާއި ގެދޮރަށް ބޭނުންވާ ޖާގައާ އެކީގައި އެއާޕޯޓާ އެކީގައި ރަށަށް ބޭނުންވާ ބިމާ އެކީގައި ހިއްކާ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ "ލެގަސީ" ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހޮނިހިރު ދުވަހު ވޯޓު ފޮށިތައް ފުރާލާ "އެއްބުރުން" ހޮވުމަށް އެދިވަޑައިގެންނެވި އެވެ.