ކަންކަން ރީތިކޮށް ގެންދިއުމުގެ ފުރުސަތު އެ މަނިކުފާނަށް ދިނުމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ކިބައިން، ރާއްޖޭގެ ވެރިކަމަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.
އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުން ސަލާމަތް ކުރުން ނުވަތަ ޖަލުން މިނިވަންކުރުމާ ގުޅޭ ގޮތުން ފާހަގަކުރެއްވި ނުކުތާތަކެއްގެ ތެރޭގަ އެވެ.
މުއިއްޒު ވިދާޅުވީ، ރައީސްކަމަށް އިންތިހާބު ކޮށްފި ނަމަ މީޑިއާއާ ބައްދަލު ކުރައްވާ ފުރަތަމަ ދުވަހު ވެސް ޔާމީން ގެ އަށް ބަދަލުކުރަން ސަރުކާރަށް އެ މަނިކުފާނު ގޮވާލައްވާނެ ކަމަށް ކެމްޕެއިންގެ ތެރޭގައި ވިދާޅުވި ކަމަށާއި އެ ކަން އެ ގޮތަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ކަމަށެވެ. އަދި ޖެހިގެން އައި އާދިއްތަ ދުވަހު މި ސަރުކާރުން ޔާމީން ގެ އަށް ބަދަލުކުރިކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ [ނޮވެމްބަރު] 17 ވަނަ ދުވަހާ ހަމައަށް ދާއިރުގައި މިހާރު އޮތް ޕްރޮސެސް އިން އެ މަނިކުފާނު މިނިވަން ނުވާ ކަމުގައި ވާ ނަމަ މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ،" މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނޮވެމްބަރު 17 ވާނީ އެ ނުފޫޒު ނިމުމަކަށް އަންނާނެ ދުވަހަށެވެ.
"އެ ހިސާބުން އެ މަނިކުފާނު މިނިވަން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އެ ކަން އެ ގޮތަށް ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދިނުމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އެ އިން ބޭރުން މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް، އެކި ކަހަލަ ޖަލްސާތަކާއި ހިނގާލުންތައް ބާއްވަން އެދިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ ކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެެދެން. އެހެން ނޫނިއްޔާ އަޅުގަނޑަށް މި މަސައްކަތް ކުރަން ހަވާލު ކުރައްވާފައި ތިބޭފުޅުން ވަކި މަގަކުން ވަޑައިގެންފިއްޔާ ގައުމުގެ ހަމަޖެހުމެއް އަޅުގަނޑު މި ދަންނަވާ ގޮތަކަށް ނުލިބޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑު މި ދަންނަވަނީ [ނޮވެމްބަރު] 17 ވަނަ ދުވަހާ ހަމައަށް ދާއިރުގައި މިހާރު އޮތް ޕްރޮސެސް އިން އެ މަނިކުފާނު މިނިވަން ނުވާ ކަމުގައި ވާ ނަމަ މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ،"--- މުއިއްޒު
އެހެންވެ، މުއިއްޒު އެދިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމްކުރަން ހުރިހާ ދިވެހިން އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުމަށެވެ. އެހެންވެއްޖިއްޔާ ދިވެހިން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން 2022 ގައި ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ނަޝީދަށް ވެސް އިންސާފު ހޯދައިދޭނީ އާ ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސީ ކެމްޕެއިންގައި މުއިއްޒު އެ ވާހަކަފުޅު ކުރިން ވެސް ދެއްކެވި އެވެ.