މާލެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މި މަހުގެ 11 (ބުރާސްފަތި ދުވަސް) ވަނަ ދުވަހު ކަރަންޓު ބޭނުންކުރި ވަރު 92.5 މެގަވޮޓަށް ވުރެ މަތި ކަމަށެވެ.
ޝަރީފް ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާ އަށް ބަލާއިރު، އެ އަދަދު މަތިވުމުގެ ފުރުސަތު ބޮޑެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އަންނަ އެންމެ ހޫނު ދުވަސްވަރު ކަމަށް ވާއިރު، ޝަރީފް އެދިވަޑައިގަތީ ކަރަންޓު ބޭނުންކުރުމުގައި އިގްތިސާދު ކުރުމަށެވެ.
"ސްޓެލްކޯގައި 120 މެގަވޮޓް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ކަރަންޓު އިގްތިސާދު ކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ކޮންމެހެން ބޭނުންވާ ވަރަށް ކަރަންޓު ބޭނުންކުރުމަށް ކަރަންޓު ކުންފުނިން ވަނީ މިދިޔަ ހަފުތާގައި އިލްތިމާސްކޮށްފަ އެވެ. އެއީ މި ދުވަސްވަރު އަބަދުވެސް ކަރަންޓުގެ ހޭދަ ބޮޑުވާތީ އެވެ.
މި ހޫނުގަދަ ދުވަސްވަރު ރައްކާތެރިވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ވަނީ އިއްޔެ އިލްތިމާސް ކޮށްފަ އެވެ.
އެ އިދާރާ އިން ބުނީ، މާލެ ސަރަހައްދަށް 39.3 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހުސާސް ކުރެވޭނެ ކަމަށެވެ. ކައްދު އާއި ހަނިމާދު އަށް 40.4 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހުސާސް ކުރެވޭ ކަމަށް މެޓުން އާންމުކުރި މައުލޫމާތުތަކުގައި ވެ އެވެ.
އެ އިދާރާ އިން ބުނިގޮތުގައި ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވަނީ މެންދުރު ފަހު 2:00 ގަ އެވެ.