ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން މޯލްޑިވްސް ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް 2.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ޖަމިއްޔާގެ ނޫސްބަޔާނެއްގައި ބުނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މި މަހު ހަތަކުން 14 އަށް ހުޅުވާލި ރިލީފް ފަންޑަށް މުޅި ޖުމްލަ 2،990،618.91ރ. ލިބިފައިވާ ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓުން އެ ފަންޑު ހުޅުވާލީ، ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން 200 މިލިއަން ޑޮލަރުގެ އިމަޖެންސީ އެހީގެ އިލްތިމާސެއް ނެރެފައިވާތީ އެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި، ބޭންކް ޓްރާންސްފާ މެދުވެރިކޮށާއި ހދ. ކުޅުދުއްފުށީގައި ބެހެއްޓި ފަންޑު ފޮށި މެދުވެރިކޮށް ވެސް މި ފަންޑަށް ފައިސާ ލިބުނެވެ. ކުޅުދުއްފުށީގައި ބެހެއްޓި ފަންޑު ފޮށިން 22،219.56ރ. ލިބުނެވެ.

މި ފަންޑަށް ލިބިފައިވާ ފައިސާ އައިއެފްއާރްސީއާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ މީހުންނަށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މި ފައިސާ ރައްދުކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުން އަދަދު މިހާރު ވަނީ 44،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ވާނެ ކަމަށް ރެކޯޑް ކުރެވިފައި ވާތީ، އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރަމުންދާ ވަރަކަށް، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.