މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން މޯލްޑިވްސް ރެޑް ކްރެސެންޓުން އިއްޔެ ފަންޑެއް ހުޅުވައިފި އެވެ.
އެ ޖަމިއްޔާގެ ނޫސްބަޔާނެއްގައި ބުނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން 217 މިލިއަން ޑޮލަރުގެ އިމަޖެންސީ އެހީގެ އިލްތިމާސެއް ނެރެފައިވާ ކަމަށެވެ.
އެ އިލްތިމާސްއަށް އިޖާބަދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ފައިސާގެ އެހީތެރިކަން ދިނުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ބީއެމްއެލް އާއި އެމްއައިބީ އެކައުންޓް މެދުވެރިކޮށް ރުފިޔާއިންނާއި ޑޮލަރުން ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.
ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުން އަދަދު މިހާރު ވަނީ 8،700 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ވާނެ ކަމަށް ރެކޯޑް ކުރެވިފައިވާތީ، އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރަމުންދާ ވަރަކަށް، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.
ބައިނަލްއަގުވާމީ އެހީއަށް ތުރުކީ ސަރުކާރުން އެދިފައި ވާތީ އެކި ގައުމުތަކުން އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.