އެންސްޕާ އާއި އާސަންދައިން ދޭ ބޭސްފަރުވާގެ އެހީ އެއް އޮފީހަކުން ލިބޭ ގޮތަށް ހަދައިފި އެވެ.
އެ ދެ އޮފީހުން ދެމުން އަންނަ ހިދުމަތްތައް ލިބޭ ކަސްޓަމަ އެކްސްޕީރިއަންސް ސެންޓަރެއް "ވިރަ" ގެ ނަމުގައި މިއަދު ހެނދުނު ހުޅުވީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގާ ޖެހިގެން ހުޅަނގަށް އޮންނަ ގޯޅީގަ އެވެ.
އެ ސެންޓަރު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އެ ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގާއި އާސަންދަގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހު ވެސް ބައިވެރިވެވަޑައިގަތެވެ.
އާސަންދައިން ބުނީ އެ ސެންޓަރު ހުޅުވީ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީއަށް ބޭނުންވާ މީހުންނަށް އެކަމާ ގުޅޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ކަމަށެވެ. އެ ސެންޓަރުގެ ކައުންޓަރުތައް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުންނާނެ ކަމަށް ބުންޏެވެ.
އެ ސެންޓަރުން ހިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8 އިން ރޭގަނޑު 10 އަށް ކަމަށް ވެސް އާސަންދަ އިން ބުންޏެވެ.
އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް އެއް ސިސްޓަމެއްގެ ތެރެއިން ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް، މި ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ބޭއްވި ބައްދަލުވުންތަކުގައި އެ ދެ އޮފީހުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ.