ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫއުގައި އެއްބަސްވުމުގައި މާދަމާ ރޭ ސޮއިކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މަޝްރޫއުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި ސޮއިކުރަން ހަމަޖައްސާފައި ވަނީ މާދަމާ ރޭ 9 ޖަހާއިރު މީރުމާ ހޯލުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ އެ މަޝްރޫއު އަށް ދެ ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވެ އެވެ. އެ މަޝްރޫއު ހަވާލުކުރަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި މަޝްރޫތައް ރާއްޖޭގައި މިހާރު ވެސް ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭން ކުރެވިފައިވާ ގޮތުގެ ކުރެހުމެއް: އެ މަޝްރޫއުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ވަނީ ނިންމައިފައި.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭން ކުރެވިފައިވާ ގޮތުގެ ކުރެހުމެއް: އެ މަޝްރޫއުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ވަނީ ނިންމައިފައި.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.

އެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ އެވެ.

އުތުރުގެ އަތޮޅުތަކުގައި، އެ މަޝްރޫއާ އެކު ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށާއި ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރި އާއި އިގުތިސޯދަށް އާރޯކަން ލިބޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ފަހުކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، 2024 ގައި އެ މަޝްރޫއު ނިމި، ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.