ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް މިދިޔަ މަހު އަލުން ހުޅުވި ފަހުން ފުރަތަމަ ފަހަރަށް ކޮމާޝަލް ޖެޓެއް އެ އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓަށް މިއަދު ހެނދުނު ޖެއްސި ޖެޓަކީ ހއ. އަތޮޅުގައި އޮންނަ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ޗުއްޓީ ހޭދަކުރުމަށް ޓޫރިސްޓުން ގޮވައިގެން ދިޔަ ޖެޓެކެވެ. ޗެކް ރިޕަބްލިކްގެ ވެރިރަށް ޕެރާގުން ފުރައިގެން ހަނިމާދޫ އެއާޕޯޓަށް ދިޔަ އެ ޖެޓުގައި އަށް ޓޫރިސްޓަކު ތިއްބެވެ.

މީގެ ކުރިން ބައެއް ޕްރައިވެޓް ޖެޓުތައް ތެޔޮ އަޅަން ހަނިމާދު އަށް ޖެއްސި ނަމަވެސް، ފަސިންޖަރުން ގޮވައިގެން ދަތުރުކޮށްފައެއް ނުވެ އެވެ.

އެ އެއާޕޯޓް ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް އޮޕަރޭޓްކުރާ އެމްއޭސީއެލް އިންނެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލަކާއި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއަކާ އެކު ހަނިމާދޫ އެއާޕޯޓް އަލުން ހުޅުވީ މިދިޔަ މަހު އެވެ.

އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީ ކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.

ހަނިމާދޫ އެއާޕޯޓު އަލުން ހުޅުވީ އެއް ފަހަރާ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ޖާގަ ވެސް ލިބޭ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީއެއް ވެސް ވަނީ ހަދައިފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރި އެވެ.