މިއަދު ބޭއްވި، އައްޑޫ ހިތަދު އާއި ތ. ވަންދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ދެ ބައި އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ ހިތަދޫ ޑަބްލިއުޑީސީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓަށް ލިބުނީ 426 ވޯޓެވެ. އެމްޑީޕީއާ ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ނަޒީހާ އަހުމަދު ބައި އިލެކްޝަން ކާމިޔާބުކުރީ 567 ވޯޓުންނެވެ.
ވޯޓުލުމަށް ޝަރުތު ހަމަވާ 12،142 މީހުންގެ ތެރެއިން އެ އިންތިހާބުގައި ވޯޓުލީ 1،007 މީހެކެވެ.
ވަންދޫގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 89 ވޯޓެވެ. އަދި 132 ވޯޓާއެކު އެ އިންތިހާބު ކާމިޔާބުކުރީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު ހަދީޖާ މުހައްމަދެވެ.
އެމްޑީޕީން މި ފަހުން ކާމިޔާބު ކުރީ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން އަދި ތިން ދާއިރާއެއްގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަނެވެ.