ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ފޯމު ހުށަހެޅީ ތިން ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އެ ދާއިރާގެ ގޮނޑި ހުސްވީ މިިދިޔަ 14 އަހަރު މެދުކެނޑުމެއް ނެތި ގުރައިދޫގެ މެމްބަރުކަން ފުރުއްވި އިބްރާހިމް ރިޒާ ކެންސަރު ބަލީގައި މިދިޔަ މަހުގެ 22 ގައި އަވަހާރަވުމުންނެވެ. އެހެންވެ، އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން ނިންމައި އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އިއްޔެއާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެ މުއްދަތު ހަމަވިއިރު ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީ ކަމަށެވެ. ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މާދަމާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރައްވާ އިބްރާހިމް ޝާޒެވެ. ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއަށެވެ. އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރައްވާނީ ކ. ގުރައިދޫ، އަލީ އަރީފެވެ. އޭނާއަކީ އެ ރަށު ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރެކެވެ.
މިއީ މި ދައުރުގެ މަޖިލީހުގައި ބައި އިލެކްޝަން ބާއްވާ، ދެވަނަ ދާއިރާ އެވެ. މިދިޔަ އަހަރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، ކުރިން އެ ދާއިރާގައި މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ.