ވަރަށް އުފާވެރި އަދި އެހާމެ ތާރީހީ ދުވަހަކެވެ؛ ރާއްޖޭގައި ރަސްމީކޮށް ތައުލީމު ދޭން ފެށިތާ މިއަދު 95 އަހަރު ފުރުނީ އެވެ.
ސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި "މަަދަރުސަތުލް ސަލާހިއްޔާ" އާއެކު ސަރުކާރުން ތައުލީމު ފޯރުކޮށްދޭން ފެށިތާ ގާތްގަނޑަކަށް ގަރުނެއްވާން ދެން އޮތީ ފަސް އަހަރެވެ. މިހާރު މުޅި ރާއްޖެ އަށް ވަނީ ތައުލީމް ފުޅާ ވެފަ އެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސަރުކާރުގެ ސްކޫލުތައް ހުޅުވައި، ހިލޭ ތައުލީމު އަންނަނީ ފޯރުކޮށްދެމުންނެވެ.
ތައުލީމުގެ ހުރިހާ ކަމެއްގެ ބިންގަލަކީ އޭޕްރީލް 19، 1927 ގައި ފަނޑިޔާރުގޭގައި ސަރުކާރުން ހުޅުވި ފުރަތަމަ މަދަރުސާ އެވެ. މިހާރުގެ ނަމުން ނަމަ މަޖީދިއްޔާ ސްކޫލެވެ.
އެ ތަނުގައި ކިޔަވައިދޭން ފެށިތާ އަހަރެއް ފަހުން މަދަރުސާ އަށް ވަންނަން އެދޭ ދަރިވަރުންގެ އަދަދު އިތުރުވަމުން ދިއުމުން ސަލާހިއްޔާގެ އިމާރާތް ވެސް ޖެހުނީ ބަދަލުކުރާށެވެ. ޖޫން 6، 1928 ގައި އާ އިމާރާތަކަށް ބަދަލުވެ، އެ މަދަރުސާގެ ނަން ވެސް "މަދަރުސަތުލް ސަނިއްޔަތުލް ހުކޫމަތުލް މަހަލްދީބިއްޔާ"ގެ ނަމަށް ބަދަލުކުރި އެވެ. ފިރިހެން ކުދިންނަށް ހާއްސަ އެ މަދަރުސާގައި އޭރު އުޅުނީ 69 ފިރިހެން ދަރިވަރުންނެވެ. ކިޔަވައިދިނީ ހެނދުނު 7-9 އަށް އަދި 9:30-11 އަށެވެ.
އޭގެ 18 އަހަރު ފަހުން އަނެއްކާ ވެސް މަދަރުސަތުލް ސަނިއްޔާގެ ނަން ޖުލައި 7، 1946 ގައި ބަދަލުކުރި އެވެ. ކުރީގެ މުހައްމަދު އަމީން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސްކޫލުގެ ނަން ބަދަލުކުރީ، ސުމުއްވުލް އަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލޭގެފާނުގެ ނަންފުޅަށް ހާއްސަކޮށް "މަދަރުސަތުލް މަޖީދިއްޔާ"ގެ ނަމަށެވެ.
އެ ރަސްމިއްޔާތުގައި ސްކޫލުގެ މޮޓޯ، "ނިހިލް ލެބޯ ޑިފިކިލް" (ހިތްމަތަކާ އެކު މަސައްކަތްކުރާ މީހަކަށް ދަތިކަމެއް ނެތް) ލޯންޗުކުރި އެވެ.
ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދިނުމުގެ ބިންގާ އެޅުމުގައި ވެސް މަޖީދިއްޔާގެ ދައުރު ވަރަށް މުހިއްމެވެ. ޖީސީއީ އޯ ލެވެލްއަށް ދަރިވަރުން ތައްޔާރުކޮށްދިނުމަށް ރާއްޖޭން ބޭރުގެ ޓީޗަރުންގެ ފުރަތަމަ ބެޗު 1960 ވަނަ އަހަރު އެ ސްކޫލާ ގުޅުނެވެ. އެއާއެކު އޯ ލެވެލް އަށް ހާއްސަކޮށްގެން ކްލާސްތައް ފެށި އެވެ.
އޭގެ ފަހުން އެ ސްކޫލުގެ ދިވެހި ބަހުގެ ކްލަބާއި ބްރާސް ބޭންޑާއި ޖިމްނާސްޓިކް އަދި ކްރިކެޓު ކްލަބް އުފެއްދި އެވެ.
މަޖީދިއްޔާ ސްކޫލުގެ ނަމަށް ބަދަލުކުރީ މެއި 27، 1969ގަ އެވެ.
ފިރިހެން ކުދިންގެ ސްކޫލުގެ ގޮތުގައި މަޝްހޫރުވި މަޖީދިއްޔާ ހާއްސަކުރީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށެވެ. އެކަމަކު ސަރުކާރުގެ ތައުލީމީ ސިޔާސަތަށް ގެނައި ބަދަލާއެކު އަންހެން ކުދިންނަށް ވެސް ކިޔަވައިދޭ ގޮތަށް އެ ސްކޫލުގައި 2011 ވަނަ އަހަރު ޕްރައިމަރީ ތައާރަފުކޮށް ގްރޭޑު އެކަކަށް ކިޔަވައިދޭން ފެށި އެވެ.
މަޖީދިއްޔާއިން ގްރޭޑު 1 ފެށި ފުރަތަމަ ބެޗު މިދިޔަ އަހަރު ވަނީ އޯލެވެލް ނިންމައިފަ އެވެ. އެ އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާކަން ސްކޫލުން ފާހަގަކުރެ އެވެ.
އިތުރު ހަރަކާތްތައް ފުޅާވެ، މަޖީދިއްޔާ ސްކޫލުން ވެސް ދިޔައީ ވާދަވެރި މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން، ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން 1997 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުން ޖެހިޖެހިގެން ތިން ވަނަ އަހަރު އެއްވަނަ ހޯދި އެވެ. އަދި ސެކަންޑްރީ ތައުލީމު ފޯރުކޮށްދޭ ސްކޫލުތަކުގެ އެކަޑެމިކް ޕާފޯމަންސް ސްކޯ ހެދިއިރު 2001 ވަނަ އަހަރު މުޅި ރާއްޖެއިން އެއް ވަނަ ހޯދި ސްކޫލަކަށް ވެސް މަޖީދިއްޔާ ވެގެންދިޔަ އެވެ.
މަޖީދިއްޔާގެ ދަރިވަރުން މިހާރު އަންނަނީ އޯ ލެވެލްގައި ދުނިޔޭގެ އަދި ރާއްޖޭގެ ފެންވަރުގެ އެކި ވަނަތައް ހޯދަމުންނެވެ. އޭގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ވެސް ވިދާ ނަމަކަށް މަަޖީދިއްޔާ ވެފައިވެ އެވެ.
އެ ސްކޫލުގެ ރަން ޔޫބީލް 1977 ވަނަ އަހަރު ފާހަގަކުރިއިރު އެ ސްކޫލުގައި ތިބީ 989 ދަރިވަރުންނެވެ. ރާއްޖޭގެ ތައުލީމީ ދަންމަރަށް ބައި ގަރުނު ފާހަގަކުރަން އެކި ހަރަކާތްތައް ބޭއްވިއިރު، އޭގެ ތެރެއިން އެންމެ ހާއްސަ ކަމަކަށް ވެގެން ދިޔައީ ޖުބިލީ ކާނިވަލް އެވެ.
ސްކޫލުގެ 65 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އޭޕްރީލް 19، 1992 ގައި ޓައިމް ކެޕްސުލް އެއް ވަޅުލީ ސްކޫލުގެ 100 ވަނަ އަހަރީ ދުވަހު އެ ނެގުމަށެވެ. އެ ކެޕްސުލްގައި ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ލިޔެފައިވާ އެކި މެސެޖުތަކާއި އުއްމީދުތައް ލިޔެފައި ހުއްޓެވެ. ނަމަވެސް މަޖީދިއްޔާއާ އިންވެގެން އޮންނަ ދަރުމަވަންތަ ސްކޫލުގެ މަސައްކަތެއް ކުރަމުން ދަނިކޮށް ކެޕްސުލް ވަޅުލާފައި ހުރި ހޮޅި 2019 ވަނަ އަހަރު ފަޅައިގެން ދިޔައީ އެވެ.
ނޯޓު: މިއީ މަޖިދިއްޔާ ސްކޫލުގެ ވެބްސައިޓުން ނެގި މައުލޫމާތުގެ ދިވެހި ތަރުޖަމާއެކެވެ.