ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާ އަށް 90 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް މިއަދު ބާއްވައިފި އެވެ.
އެ ސްކޫލުގައި ހެނދުނު ބޭއްވި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އެ ސްކޫލްގެ އަހަރީ ދުވަހަކީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހެވެ.
އެ އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މަޖީދިއްޔާ ސްކޫލުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައި ރަން ސޮފްހާތަކުގައި ޖާގަ ހޯދާފައި ކަމަށެެވެ. އަދި އެތައް ދަރިވަރުންނެއްގެ ލޯބި އެ ސްކޫލަށް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެެވެ.
ތައުލީމީ ދާއިރާ ކުރިއަރައިގެން ދާއިރު، މިހާރު ސްކޫލުތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު 70 ޕަސެންޓަށް އަރާފައިވާ ކަމަށާއި ރާއްޖޭގެ ތައުލީމީ ހަޔާތުގެ 15 އަހަރު ދުވަހުގެ ޕްލޭނެއް ވެސް ތައްޔާރުކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ އެންމެ ފަހުރުވެރި ސްކޫލުގެ މަގާމުގައި ދެމިއޮންނަން އެ ސްކޫލުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެއީ އެ ސްކޫލުގެ ހުރިހާ ދަރިވަރުންގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖީދިއްޔާއާ ވާދަކުރަން އެތައް ސްކޫލެއް އެބަހުރި ކަމަށާއި އެހެންކަމުން ފަހުރުވެރި މަގާމު ދިފާއުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމުގައި ބެލެނިވެރިންނާއި ޓީޗަރުންގެ ފުރިހަމަ ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އޭނާ އަލިއަޅުއްވައިލެއްވި އެވެ.
ރާއްޖެ ފަހުރުވެރިވާ ފަދަ އެތައް ދަރިންނެއް، ފާއިތުވި 90 އަހަރުގެ ތެރޭގައި މަޖީދިއްޔާ އިން ތައުލީމް ހާސިލްކޮށްފައިވާ ކަމަށާއި އެކަމަކީ، މުޅި މަޖީދިއްޔާ ވެސް ބޮޑު ކާމިޔާބީއެއް ކަން ފާހަގަކުރެއްވި އެވެ.
އައިޝަތު ވަނީ އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތަކަށް ހައްލެއް ހޯދައިދެން އެދިވަޑައިގެންފަ އެވެ.
މިއަދުގެ ރަސްމިއްޔާތަށް ސްކޫލުގެ ދަރިވަރުންގެ ހަރަކާތްތަކެއް ވެސް ހުށަހަޅައިފައި ވެ އެވެ.