ޕާކްކުރަން ދަތިވާ ގޮތަށް މާލޭގެ ހަ މަގެއްގައި ބަހައްޓާފައި ހުރި 85 ޕެލެޓެއް މާލޭ ސިޓީ ކައުންސިލުން އިއްޔެ ނަގައިފި އެވެ.
ޕެލެޓްތައް ނަގަން އިއްޔެ ފެށީ، ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނަގަން ސިޓީ ކައުންސިލުން ދެ ތާރީހެއް ކަނޑައެޅި ނަމަވެސް، އެ މަސައްކަތް ނުކުރެވި ދިއުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކައުންސިލްގެ މުވައްޒަފުން ޕެލެޓްތައް ނެގުމުގެ މަސައްކަތް އިއްޔެ ފަށައި، މާލޭގެ ބައެއް މަގުތަކުން 85 ޕެލެޓެއް ނަގާފައިވާ ކަމަށެވެ.
ޕެލެޓްތައް ނެގި މަގުތަކުގެ ތެރޭގައި އެ މައްސަލަ އެންމެ ބޮޑު ބައެއް މަގުތައް ވެސް ހިމެނެ އެވެ. އެ މަގުތަކަކީ؛
- ހަވީރީ ހިނގުން
- ލޮނުޒިޔާރަތް މަގު
- މޫނިމާ ހިނގުން
- ޖަނަވާރީ ހިނގުން
- ރަތްވިލާ މަގު
- ކާސިންޖީ މަގު
ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
"ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމުން "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވެސް އޮތީ ހަމަޖައްސައިދީފަ އެވެ. ނަމަވެސް، އެގޮތަށް ހުށަހެޅި ފަރާތްތަކުގެ އަދަދެއް ވެސް އަދި ނޭނގެ އެވެ.
ސިޓީ ކައުންސިލް ބުނެފައި ވަނީ މުދާ އަރުވައި ބޭލުމަށް ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށް ފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. ކައުންސިލުން ހުއްދަ ނުހޯދައި ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ ނަމަ، އެ އެއްޗެހި ނަގާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓްތައް ބަހައްޓައި، ބަންދުކޮށްފައި ހުންނަ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުން ބޮޑުވީ އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ގެނެސްދިން ފޮޓޯ ސްޓޯރީ އަށް ފަހު އެވެ.
ހާއްސަކޮށް އެމްޕީއެލާއި ކަސްޓަމްސް ސަރަހައްދުން ބޭރު މަގާއި ހަވީރީ ހިންގުމުގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ޕެލެޓްތައް ބަހައްޓާފައިވާއިރު، އެތައް ބަޔަކަށް އޭގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވެ އެވެ. ބައެއް މީހުންގެ ހަތަރުފުރޮޅުލީ ވެހިކަލްތައް ޕާކްކުރުމަށް އަމިއްލަ އަށް ޕެލެޓްތައް ޕާކިން ޒޯނުތަކުގައި ބާއްވާފައި ހުންނަނީ އެހެން މީހުންނަށް އެ ޕެލެޓްތައް ނުނެގޭ ގޮތަށް ޗޭނުގަނޑަކުން ތަޅު ވެސް އަޅުވައިފަ އެވެ.