އަންހެނުންގެ ދުވަހާއި ޓްރީޓޮޕް ހޮސްޕިޓަލުގެ ހަތަރު ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރެވޭ ހިދުމަތް ހާއްސަ ޕެކޭޖަކާ އެކު ތައާރަފްކޮށްފި އެވެ.

ސާވިކަލް ކެންސަރަކީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ޖެހޭ ކެންސަރެކެވެ.

ސާވިކަލް ކެންސަރަށް ސްކްރީން ކުރުމުން، ކެންސަރު ހުރި ކަން ބަލީގެ ކުރީކޮޅު ދެނެގަނެވި އަވަހަށް ފަރުވާ ފަށަން ފުރުސަތު ލިބޭނެ އެވެ. ފަރުވާ ކުރިން ފެށިއްޖެ ނަމަ ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ޓްރީޓޮޕްގެ ސާވިކަލް ކެންސަރު ސްކްރީނިން ޕެކޭޖުގެ ދަށުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދައްކައި ޕެޕް ސްމިއާ ހެދުމާއި ވެޖިނަލް ސުވެބް އާއި ޔޫރިން އެނާލިސިސް އާއި ޔޫރިން ކަލްޗާ އާއި ފުލް ބްލަޑް ކައުންޓް އާއި އެޗްޕީވީ ވެކްސިން، އަދި ޓެސްޓު ނަތީޖާގެ އަލީގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ލަފާ ވެސް ހޯދޭނެ އެވެ.

ކެންސަރުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުމުގެ ސަބަބުން، ކެންސަރަށް ބަދަލުވުމުގެ ކުރިން، ނުވަތަ ކެންސަރުގެ ކުރީކޮޅުގައި ދެނެގަނެވޭނެ އެވެ.

ކެންސަރު ޖެހުމުގެ ރިސްކް ކުޑަކުރުމަށްޓަކައި ސިއްހީ ރަނގަޅު އާދަތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމާއި، އެޗްޕީވީ ވެކްސިން ޖަހައި ސާވިކަލް ކެންސަރު ދެނެގަތުމަށް ގަވައިދުން ސްކްރީން ކުރުން މުހިންމު ކަމަށް ޓްރީޓޮޕުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.