ތައިރޮއިޑް ކެންސަރު ބައްޔަށް ފަރުވާ ދިނުމުގެ ގޮތުން ކުރާ ސާޖަރީ، ތައިރޮއިޑެކްޓަމީގެ ހަތަރު ސާޖަރީއެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބު ކަމާ އެކު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ސާޖަރީއަކީ ތައިރޮޑް ކެންސަރު ޖެހުމުން ތައިރޮއިޑް ނައްތާލުމަށް ކުރާ ސާޖަރީއެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ތައިރޮއިޑް ގްލޭޑުގެ ބައެއް ނުވަތަ މުޅި ގްލޭންޑު އެއްކޮށް ނަގައެވެ. ޓްރީ ޓޮޕުން ބުނީ އެ ސާޖަރީ ކުރާނީ ކެންސަރު ހުރި މިންވަރު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ފަހު ކަމަށެވެ.

ތައިރޮއިޑް ކެންސަރު ފެތުރިފައި ހުރި މިންވަރު ދެނެގަތުމަށް އަލްޓްރާ ސައުންޑް ފައިން ނީޑްލް އެސްޕިރޭޝަން ސައިޓޮލޮޖީ ޓެސްޓު ހަދަން ޖެހެއެވެ. އެ ޓެސްޓަކީ ޓްރީ ޓޮޕް ހޮސްޕިޓަލުން ހެދެން ހުންނަ ޓެސްޓެއް ކަމަށް ޓްރީ ޓޮޕުން ބުނެއެވެ. އެ ހޮސްޕިޓަލުން ބުނީ ތައިރޮއިޑެކްޓަމީ ހެދުމަށް އެ ހޮސްޕިޓަލުން ނާވް ސްޓިމިއުލޭޓިން ޓެކްނޮލަޖީ ބޭނުން ކުރާ ކަމަށެވެ. އެ ޓެކްނޮލަޖީ އަކީ ނޭވާލުމަށާއި އަޑުފޮށްޓާއި ގުޅިފައި ހުރި ނާރުތަކަށް ގެއްލުން ނުވާގޮތަށް ސާޖަރީ ކުރިއަށް ގެންދިއުމަށް ބޭނުން ކުރާ އެއްޗެކެވެ. އެ ޓެކްނޮލަޖީގެ ސަބަބުން އޮޕަރޭޝަން ކުރާ ޑޮކްޓަރުންނަށް އެއްވެސް ގެއްލުމެއް ނެތި އޮޕަރޭޝަން ފުރިހަމަކުރުމަށް މަގުފަހި ކުރެވޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރި ތައިރޮއިޑެކްޓަމީ ކުރުމަށް އިސްކޮށް އުޅުއްވީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ކަރުންމަތީ ޑޮކްޓަރުން ކަމަށްވާ ޑރ. ޗަންދުރަޝޭކާ ރަވާލް އަދި ޑރ. ރަޖޭޝް ވާލަންދެވެ. ކަރުންމަތީގެ ހާއްސަ ޑޮކްޓަރު، ޑރ. ޗަންދުރަޝޭކާ ރަވާލް އަކީ ސިއްހީ ދާއިރާގައި 14 އަހަރަށްވުރެ ގިނަދުވަހު މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން، އިމަޖެންސީ މެޑިސިން، އައި.ސީ.ޔޫ، އަދި އޮޓޮލޮޖީ ހިދުމަތް ދިނުމަށް ތަޖުރިބާ ހުރި ޑޮކްޓަރެކެވެ.

ޑރ. ޗަންދުރަޝޭކާ އެމް.ޑީ ފުރިހަމަ ކޮށްފައި ވަނީ އިންޑިއާގެ އެމް.އައި.އެސް.އާރު މެޑިކަލް ކޮލެޖުންނެވެ. އަދި ކަރުން މަތީ ބަލިތަކުގެ ސާޖަރީއިން މާސްޓާސް ކޮށްފައިވަނީ އިންޑިއާގެ ގްރާންޓް މެޑިކަލް ކޮލެޖް އެންޑް ސާ ޖޭ.ޖޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިންނެވެ. ޑރ. ޗަންދުރަޝޭކާ ވަނީ ކަރުން މަތީ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓެއް ގޮތުގައި އައުންދް ޕޫންގެ ޑިސްޓްރިކްޓް ހޮސްޕިޓަލާއި ރަވާލް އީ.އެން.ޓީ ހޮސްޕިޓަލުގައި މަސައްކަތްކޮށްފަ އެވެ.

ޑރ. ރަޖޭޝް ވާލަންދެ އަކީ ބޮލާއި ކަރުގެ ކެންސަރު ބަލި، ޕަރޮޓިޑެކްޓޮމީ، ތައިރޮއިޑެކްޓޮމީ، ގުގުރި ދެމުމާއި ސްލީޕް އެޕްނިއާ، އަދި ޕިނާ ރީކޮންސްޓްރަކްޝަން އަށް ހާއްސަ ކޮންސަލްޓަންސީ ދޭ ޑޮކްޓަރެކެވެ. ޑރ. ރަޖޭޝް އެމް.ބީ.ބީ.އެސް އާއި މާސްޓަރ އޮފް ސާޖަރީ އީ.އެން.ޓީ ފުރިހަމަކޮށްފައި ވަނީ އިންޑިއާގެ ބޮމްބޭ ޔުނިވަރސިޓީއިންނެވެ. ޑރ. ރަޖޭޝް އަކީ ކަރުން މަތީ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ގޮތުގައި ބީ އެސް.އީ.އެސް މުނިސިޕަލް ޖެނެރަލް ހޮސްޕިޓަލުގައި 16 އަހަރަށް ވުރެއް ގިނަ ދުވަހު މަސައްކަތް ކޮށޤފައިވާ ޑޮކްޓަރެކެވެ.

ޓްރީ ޓޮޕް ހޮސްޕީޓަލުގެ ކަރުން މަތީ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓު ފަރުވާ ދެނީ ކަންފަތް، ނޭފަތް، ސައިނަސް، އަޑުފޮށި، އަނގަ، ކަރު އަދި ކަރާއި ބޮލުގެ ބަލިތަކަށެވެ.