ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 16 ޓަވަރުގައި 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ގޮތަށް ހަމަޖައްސައި އެ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން އެތަންތަން ސާފުކޮށް ބޭއްވުމަށް ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި ސެކިއުރިޓީ ބަލަހައްޓަން ހަވާލުކުރީ ވަށި ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ކަމަށާއި އެތަނުގެ ސެކިއުރިޓީ ސްޓާފުން އިއްޔެއިން ފެށިގެން ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯ އާއި ބޭސްމަންޓުގައި ހަދާފައި ހުރި ޕާކިން އޭރިގައި ތިބޭނެ ކަމަށެވެ. އެ މީހުން ސީސީޓީވީ ސިސްޓަމް މެދުވެރިކޮށް އެތަން ބަލާނެ ކަމަށާއި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، ނުވަތަ އެތަނުގައި އުޅޭ މީހުން ކަމެއް ރިޕޯޓްކޮށްފި ނަމަ، އެ މައްސަލައެއް ވެސް ބަލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓްތައް ސާފުކޮށް ބާއްވަން ހަތަރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެ މީހުން އެތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އާއި 12:00 އާ ދެމެދުގައި ކަމަށް އެޗްޑީސީން ބުންޏެވެ. އެކަމަކު މުޅި ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތައް އޮންނާނީ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ.
ހިޔާގެ އެކި ޓަވަރުތައް ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކުރި ގޮތް
އެލްއެމް އެންޓަޕްރައިޒެސް - އެޗް1 އިން އެޗް4 އަށް
ޕާމް ގްލޯ - އެޗް5 އިން އެޗް8 އަށް
ކޭއެސްއޭ މޯލްޑިވްސް - އެޗް9 އިން އެޗް12 އަށް
ލެރޯ އިންވެސްޓްމަންޓް - އެޗް13 އިން އެޗް16 އަށް
ހިޔާ ފްލެޓްތަކުގައި މިހާރު 1،600 އެއްހާ އާއިލާ ދިރިއުޅެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ހިޔާ ޓަވަރުތަކުގައި މީހުން އުޅެން ފެށުމާ އެކު އެންމެ ބޮޑު އެއް ޝަކުވާއަކަށްވީ ސެކިއުރިޓީއާ ގުޅޭ މައްސަލަތަކެވެ. އަދި މީހުން ގިނަވުމާ އެކު ކުނީގެ މައްސަލަ ވެސް ވަރަށް ބޮޑުވި އެވެ.