އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެކަން ބަލައިދޭން އިދިކޮޅު ޕީޕީއެމުން ހުށަހެޅި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މެމްބަރުން ނެތި ގާނޫނީ ހުސްކަމެއްގައި އޮތުމުން ކުރިއަށް ގެންދެވެން ނެތް ކަމަށް އަންގައިފި އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފެށުމުން ފަސް މެމްބަރުން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އޭސީސީން ޕީޕީއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ގާނޫނީ ބާރުވެރިކަން ލިބިގެން ވަނީ ކޮމިޝަންގެ މެމްބަރުންނަށް އެކަނި ކަމަށެވެ. މެމްބަރުންގެ އަޣުލަބިއްޔަތުން ނޫން ގޮތަކަށް އެއްވެސް ކަމެއް ނުނިންމޭނެ ކަމަށް އެ ސިޓީގައިވެ އެވެ.

"މިހާރުގެ ހާލަތަކީ ކޮމިޝަނުގެ މެމްބަރުން ނެތި އަދި ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ހާލަތެއް ކަމަށް ވާތީ، ތިޔަ އޮފީހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލަތައް ބެލުމާ މެދު މި ކޮމިޝަނުން މިހާތަނަށް ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ،" އޭސީސީގެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ކޮމިޝަނަށް އަލުން މެމްބަރުން އައްޔަންކުރުމުން މި މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށް ފަހު އަންގާނެ ކަމަށެވެ.

މިދިޔަ ހަފުތާގައި އިދިކޮޅު ކޯލިޝަނުން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮޅުވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ފުލުހުންގެ އިތުރުން އިންތިގާލީ އިންސާފުގެ އޮފީހަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަތަކުގައި 25 ކަމެއް ފާހަގަކޮށް، އެކަންކަން ސާބިތުވާނެ ހެކި ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ރާގިބު ވިދާޅުވެފައި ވަނީ ފާހަގަޖެހޭ އަނގޮޓިއެއް ބޭނުން ކޮށްގެން ވޯޓު ކަރުދާސްތަކުގައި ރޮނގު ދެމުމާއި ސައްހަ ނޫން ވޯޓު ކަރުދާސް ބޭނުން ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

ވޯޓު ކަރުދާސްތަކާ ބެހޭގޮތުން ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައިވާ ކަމަށާއި އެކަމުގައި ބައިވެރިވި އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި، ޝަރީއަތް ހިންގުމާ ހަމަ އަށް އިދިކޮޅު ކޯލިޝަނުން އެކަންކަން ގާތުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރިން ވެސް ތުހުމަތުތައް ކުރި އެވެ.

އެ އިންތިހާބުގެ ނަތީޖާ ބާތިލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެސް އޭރު މައްސަލަ ހުށަހެޅުއްވި އެވެ. އެކަމަކު ސުޕްރީމް ކޯޓުން އޭރު ނިންމީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރަން ޖެހޭ ފަދަ ކަމެއް ރިޔާސީ އިންތިހާބުގައި ހިނގާފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށާއި އެހެންވެ، އިންތިހާބު ބާތިލް ނުކުރެވޭނެ ކަމަށެވެ.