ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން ބަލާ މައްސަލައަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

އެކަމަކު ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާދަމާ އޭނާ އޭސީސީއަށް ހާޒިރުކުރަނީ ސަރުކާރުން އަންގައިގެން ކެމްޕެއިނަށް ހުރަސްއަޅައި އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރައި އަބުރު ކަތިލުމަށް ކަމަށެވެ.

"އިންޝާﷲ ފުރިހަމައަށް ޖަވާބުދާރީވާނަން،" ޑރ. މުއިއްޒުގެ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ، ރާޅުގަނޑު ސަރަހައްދުގައި ހެދި ނިއު ޕޯޓްއާ ގުޅޭ މައްސަލައެއްގަ އެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ އެ ސަރަހައްދުގައި ބްރިޖު ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ހަދަން ސްޓްރާޑާ ކުންފުންޏަށް ހަވާލުކުރި އެއްބަސްވުމުގައި ސްޑްރާޑާއަށް ނަޖާއިޒު މަންފާތަކެއް ހޯދައިދިން ކަމަށެވެ. ނިއު ޕޯޓް ހިންގަމުން އައި ސްޓްރާޑާ އިންނެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތްކުރާ ތަން ބަލަން އަރައި ތިބޭނެ ޕްލެޓްފޯމާއި ފުޑް އައުޓްލެޓަކާ އެކު ތަރައްގީކުރުމުގެ މަސައްކަތް ސްޑްރާޑާ ކުންފުންޏާ ހަވާލުކުރީ ޔާމީންގެ ސަރުކާރުގައި ސެޕްޓެމްބަރު 22، 2016 ގަ އެވެ. ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެއްބަސްވުން ފުރަތަމަ ހެދީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު ފަހުން އެ މުއްދަތު އަށް އަހަރަށް ބަދަލުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސްޓްރާޑާގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެއްބަސްވުން އުވާލީ ގޯސްކޮށް ކަމަށް ބުނެ އެކަމާ ގުޅިގެން ބަދަލު ހޯދަން ސްޓްރާޑާ އިން ވަނީ ރައީސް އޮފީހުގައި ހަދާފައިވާ އޮންނަ ސެޓްލްމެންޓް ކޮމިޓީއަށް ވެސް ހުށަހަޅައިފަ އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުލި ވެސް ސްޓްރާާޑާއިން ނުދައްކާ ކަމަށެވެ.