މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ ހަތް ތަނބުގައި ހުންނަ ބިޔަ 35 ހޮޅި ޖަހައި ނިންމައިފި އެވެ.

މިއީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެންމެ އުނދަގޫ މަސައްކަތް ކަމަށް، މަޝްރޫއު ފެށުމުގެ ކުރިން ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި ކަނޑުގެ އަޑިން ފެށިގެން 100 މީޓަރު ފުނަން ބައެއް ހޮޅިތައް ޖަހާއިރު އެ މަސައްކަތުގައި، ޖަރުމަނުގެ ޓެކްނޮލޮޖީ ވެސް ބޭނުންކޮށްފައިވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައި ތަނބުތަކުގެ ހޮޅިތައް ޖަހައި ނިމުމުގެ އިތުރުން ބްރިޖްގެ ދެ ކޮޅުގައި ގާތްގާތުގައި ޖަހާ 74 ހޮޅީގެ ތެރެއިން 32 ހޮޅި ޖެހުމުގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަމަށެވެ.

ބްރިޖުގެ މައި ތަނބުތަކުގެ ހޮޅިތައް ޖެހުމަށް ފަހު މިހާރު ކުރަމުން އަންނަނީ ހޮޅި ތެރޭގައި ހުރި ވެލިތައް ނެގުމުގެ މަސައްކަތެވެ. އޭގެ ފަހުން އެ ހޮޅިތަކުގެ ތެރެއަށް ރެއިންސްފޯސްމަންޓް ޖަހައި، ކޮންކްރީޓް އަޅާނެ އެވެ. ބައެއް ތަނބުތަކަށް މިހާރު ވަނީ ކޮންކްރީޓް އަޅައި ނިންމައިފަ އެވެ.

އޭގެ ފަހުން ދެން އޮންނާނީ ހަތް ތަނބުގެ މަތީގައި، ވީ އަކުރެއްގެ ސިފާގައި ހުންނަ، ކެޕިން ޖެހުމުގެ މަސައްކަތެވެ.

ހުޅުލެ ސަރަހައްދުގެ ތަނބެއްގެ ހަތް ހޮޅި ކަނޑު އަޑި އަށް ފައްތާފައި. މި ހޮޅިތަކަށް މިހާރު ވަނީ ކޮންކްރީޓް ވެސް އަޅާފައި. --ފޮޓޯ: ނިޝާން އަލީ
ހުޅުލެ ސަރަހައްދުގެ ތަނބެއްގެ ހަތް ހޮޅި ކަނޑު އަޑި އަށް ފައްތާފައި. މި ހޮޅިތަކަށް މިހާރު ވަނީ ކޮންކްރީޓް ވެސް އަޅާފައި. --ފޮޓޯ: ނިޝާން އަލީ

ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްތަލިބް ވިދާޅުވީ ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތް ނިންމާލެވުމަކީ މި މަޝްރޫއުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ހޮޅި ޖަހައި ނިމުމާ އެކު މިހާރުު އެ ސަރަހައްދުގައި ހުރި ބިޔަ ބާޖުތަކުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ ހުޅުލޭ ސައިޓު: ކަނޑު އަޑިއަށް  ހޮޅި ޖަހުމުގެ މަސައްކަތް ވަނީ ނިންމާލާފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު
ބްރިޖުގެ ހުޅުލޭ ސައިޓު: ކަނޑު އަޑިއަށް ހޮޅި ޖަހުމުގެ މަސައްކަތް ވަނީ ނިންމާލާފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ތިން ބާޖުގެ ތެރެއިން ދެ ބާޖު ރާއްޖެ އިން ގެންދާނެ. އެއީ، ބާޖުތައް ބޭނުންކޮށްގެން ކުރަން ޖެހޭ އެންމެ އުނދަގޫ މަސައްކަތް އެ ނިމުނީ. ދެން ޓްރަސަލް [މިހާރު ހަދާފައިވާ ވަގުތީ ފާލަން] ބޭނުންކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބްރިޖްގެ ހޮޅިތައް ޖަހައި މި ނިމުނީ ކަނޑައަޅާފައިވާ ތާރީހަށް ވުރެ ވެސް މާ އަވަހަށެވެ. ޝެޑިއުލްކޮށްފައި އޮތީ އަންނަ ޖެނުއަރީ މަހު އެ މަސައްކަތް ނިންމާށެވެ. އެކަމަކު މަސައްކަތުގެ ސްޕީޑު އަވަސްވެ ދެން ލަފާކުރީ ޑިސެމްބަރުގެ ނިޔަލަށް ހޮޅިތައް ޖަހައި ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަނޑައެޅި ތާރީހުތަކަށް ވުރެ މާ އަވަހަށް ހޮޅި ޖެހުމުގެ މަސައްކަތް އެ ނިމުނީ،" މުއްތަލިބް ވިދާޅުވި އެވެ.

ހޮޅިތަކުގައި ޖަހާ ރެއިންސްފޯސްމެންޓް ތައްޔާރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ހޮޅިތަކުގައި ޖަހާ ރެއިންސްފޯސްމެންޓް ތައްޔާރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހޮޅިތައް ޖަހައި ނިމުމާ އެކު ދެން ހުރި މަސައްކަތް ފަސޭހަކަމާ އެކު ނިންމާލެވޭނެ ކަމަށް، ދުނިޔޭގެ މަޝްހޫރު ގިނަ ބްރިޖްތަކެއް އަޅާފައިވާ ޗައިނާގެ ސީސީސީސީ ކުންފުނީގެ އިސް އޮފިޝަލުން ކުރިން ވިދާޅުވެފައިވެ އެވެ.

ބްރިޖުގެ މަސައްކަތް ނިންމައި ޖުލައި 2018 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއު އަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.