އެއް ފޮޓޯ އިން ފެންނަނީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު ހުރަސްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓެއް ޖައްސާ ތަނެވެ. އަނެއް ފޮޓޯ އަކީ ކަނޑުގެ މެދުގައި އަޅާފައި އޮތް ބްރިޖުގެ މަތީގައި ކާރެއް ދުއްވާފައި ދިޔަ މަންޒަރެވެ. އެއާއެކު، މާލޭ ކޮޅުން ބްރިޖަށް އަރަން ހަދާފައިވާ ރީތި ގޭޓާއި ރޭގަނޑު ބްރިޖު ދިއްލާފައި އޮންނައިރުގެ ހިތްގައިމު ކަމެވެ.
މިއީ، ވޭތުވެދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ލޯ ހުއްޓިފައިވާ ބްރިޖުގެ ބައެއް ފޮޓޯތަކެވެ. މި ފޮޓޯތަކާ އެކު އެތައް ބަޔަކު އަންނަނީ ހިތްހަމަޖެހުމުގެ ޝުއޫރު ފާޅުކުރަމުންނެވެ.
ބްރިޖުގެ "ހުވަފެން ހަގީގަތަކަށްވެ" ލޮނުޒިޔާރަތްކޮޅަށް ހިތްގައިމު ބަދަލުތަކެއް އަތުވެއްޖެ އެވެ.
ފޮޓޯތަކާ އެކު އެކަކު ލިއެފައިވާ ގޮތުގައި، ބްރިޖާއެކު ދަތުރުފަތުރު ފަސޭހަވީ އެވެ. ފެރީގައި ކުރާ 20 މިނެޓުގެ ދަތުރު ބްރިޖުން ހޭދަވާނީ ތިން މިނެޓެވެ. މި ފަސޭހަ ހޯދައި ދެއްވި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީނާއި މި ސަރުކާރަށް ޓުވީޓްތަކުގައި ޝުކުރު އަދާކޮށްފައިވެ އެވެ.
ބްރިޖުގެ ކުރެހުންތަކުގައި ވެސް ހުރި ގޮތަށް، ހަދާފައިވާ ގޭޓު، އެކަކު ސިފަކުރީ "ތަރައްގީގެ މައި ދޮރީގެ" ގޮތުގަ އެވެ. އެ ގޭޓުން ބްރިޖަށް އަރާނީ، ދަރުބާރުގެ ފުރަގަހުންނެވެ.
އެއް ބަޔަކު ބުނިގޮތުގައި، ކޮންމެ ސަރުކާރަކުން ކުރިއަސް ބްރިޖަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެކެވެ. އެހެންކަމުން، އެ މަސައްކަތް ބަލައިިގަންނަން ޖެހެ އެވެ.
"ނުވާނެއޭ ބުނަމުން ދަނިކޮށް ބްރިޖު ނިންމާފައި އެ އޮތީ، މިއީ އެންމެންނަށް ލިބޭނެ ފަސޭހަ ކަމެއް،" ފޭސްބުކްގައި އެކަކު ލިއެފައިވެ އެވެ.
ބްރިޖުގެ މާލޭ ކޮޅު، ކުރިން ސުނާމީ ބިނާ ސަރަހައްދަކީ މީގެކުރިން ވެސް އެތައް ބަޔަކު ހިތްހަމަޖައްސާލަން މަޑުކުރާ ތަނެވެ. އެ ސަރަހައްދުގައި ތިބޭއިރު، ބްރިޖުން ދަތތުރުކުރާ މަންޒަރަކީ މާ ހިތްހަމަޖެހޭނެ މަންޒަރެއް ކަމަށް އެކަކު ލިއެފައިވެ އެވެ.
ބްރިޖާއެކު ފަސޭހަވާނީ ހަމައެކަނި ދަތުރުފަތުރަށް ނޫނެވެ. އެއީ، ތަރައްގީގެ ބޮޑު މަޝްރޫއުތަކާ ގުޅިފައިވާ އިގްތިސާދަށް އާ ދިރުމެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
ގޮންޖެހުން ބޮޑު، އެ މަސައްކަތް ނިންމާފައިވާއިރު، ކުލަ ގަދަ ރަސްމިއްޔާތެއްގައި މާދަމާ ރޭ ބްރިޖު ހުޅުވާނެ އެވެ. އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންގެ އިތުރުން، ޗައިނާ ސަރުކާރާއި ބްރިޖުގެ މަސައްކަތް ކުރި ސީސީސީސީގެ އޮފިޝަލުން ވެސް ބައިވެވެރިވާނެ އެވެ.