ވިޔަފާރީގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ "ވިމެން އިން ސަސްޓެއިނަބަލް އެންޓަޕްރެނިއަޝިޕް (ވައިސް)" ތަމްރީނު ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.
ފުރަތަމަ ސެޝަން ހދ. ހަނިމާދޫގައި ބޭއްވި އިރު، އެ ސެޝަންގެ ބައިވެރިންނަށް މިއަދު ވަނީ ހަނދާނީ ލިއުން ހަވާލުކޮށްފަ އެވެ.
ފުރަތަމަ ސެޝަން ބޭއްވީ ދެ ދުވަހުގެ މުއްދަތަކަށެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ސެޝަނާއެކު ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަަރު ނީޒާ އިމާދެވެ.
ޕްރޮގްރާމުގެ މަގްސަދަކީ ވިޔަފާރިއެއް ފަށަން ގަސްދުކުރާ އަންހެނުންނާއި އަދި މިހާރު ވެސް ވިޔަފާރިކުރާ އަންހެނުންނަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި ސަރުކާރުގެ ފަރާތުން އާއްމުންނަށް އަދި ވިޔަފާރިވެރިންނަށް ލިބެން ހުރި ފުރުސަތުކުގެ މައުލޫމާތު ހިއްސާކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ޕްރޮގްރާމުގައި ކުރިއަށް ދާނީ ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ގުޅިގެންނެވެ.
އެ ތަމްރީނުގައި ކިޔަވައިދޭނީ 'ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން އެންޓަޕްރެނިއަޝިޕް' މިންގަނޑަށް ފެތޭ މާއްދާތަކެކެވެ. އެއީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކޮށްފައިވާ މާއްދާތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ހޯދުމަށް ދަތިވި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ދޭ މާލީ އެހީ ނުވަތަ ސެލްފް އެމްޕްލޮއިޑް ގްރާންޓް ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ޕްރޮގްރާމްގެ ތެރެއިން ވަނީ ދީފަ އެވެ.
އެ ގްރާންޓުގެ ދަށުން ދޭ އެހީގެ 40 ޕަސެންޓް ހާއްސަ ކޮށްފައި ވަނީ އަމިއްލަ މަސައްކަތްކުރާ އަންހެނުންުނަށެވެ.