ބޭރުގެ ފަރާތްތައް ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ހުއްދަ ދިނުމަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން އޮތް ބޮޑު ނުރައްކަލެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ސިޔާސަތަށް އިއްޔެ ގެނައި ބަދަލާ އެކު، 50 އަހަރު ދުވަހުގެ މުއްދަތަކަށް ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގޭނެ ގޮތް ވަނީ ހަދައިފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގޭނީ ފަސް އަހަރު ތެރޭ ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާ ނަމަ އެވެ.

އިދިކޮޅުން މިއަދު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ، އެއާޕޯޓު ހިންގަން ބޭރުގެ ފަރާތްތަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.

"މިއީ މި ރާއްޖެއަށް އޮތް، ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ އަމަންއަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް އޮތް ނުރައްކަލެއް ގޮތުގައި އަޅުގަނޑުމެން ސިފަ ކުރަނީ،" ހުސެއިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމެބަރު އާދަމް ޝަރީފު އުމަރު ވެސް ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް އެއާޕޯޓު ހިންގަން ހުއްދަ ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

"މިހާރު މި އޮތް ގޮތުން ވިއްޔާ ފަސް މިލިއަން ޑޮލަރު ބޭނުންވަނީ މި ގައުމުން ބައެއް ހިފުމަށް. އެހާ ވަރުގެ ދަށު ދަރަޖައަކަށް ގައުމު މިވަނީ ވައްޓާލާފައި. މި ގައުމުގެ ހާލަތު މިއަދު މި އޮތީ ވަރަށް ނިކަމެތި ގޮތެއްގައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އެފްޑީއައި އަށް އިއްޔެ ގެނައި އިސްލާހު އަނބުރާ ގެންދަން އެ ދެ ބޭފުޅުން ވެސް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އެފްޑީއައި އަށް ގެނައި އިސްލާހުގައި ވަނީ އެއާ ޓްރެފިކް ކޮންޓްރޯލު ކުރުމުގެ ބާރުވެސް ބޭރުގެ ކުންފުނިތަކަށް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުން މިހާރު ވަނީ އެއާ ޓްރެފިކް ކޮންޓްރޯލު ބޭރުގެ ފަރާތްތަކަށް ނުދޭނެ ކަމަށް ބުނެފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ އިސްލާހު އޮތީ އޮޅުން އަރާ ގޮތަށް ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލްއާ ބެހޭގޮތުން އޮތް ބައިގެ އިބާރާތް ބަދަލު ކުރައްވާނެ ކަމަށެވެ.

އިސްލާހުގައި އޮތް އިބާރާތް ބަދަލު ކުރަން އުޅޭ ވާހަކައާ ގުޅޭ ގޮތުން އާދަމް ޝަރީފު ވިދާޅުވީ، މިހާރު އިސްލާހުގެ އިބާރާތް ބަދަލު ކުރަން އުޅޭ ނަމަ ސަރުކާރުން ބަދަލު ނުކުރާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

"އެއާ ޓްރެފިކް ކޮންޓްރޯލު ބޭރުގެ ބައެއްގެ އަތް ދަށަށް ދިނީމަ ގައުމީ ސަލާމަތަށް އެއްކޮށް ނުރައްކާތެރިވީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ، ފައްޔާޒު ހައްދަވަނީ ދޮގު ކަމަށެވެ. މީގެ ކުރިންވެސް ސަރުކާރުން އެފަދަ މައްސަލަތަކުގައި ދޮގު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެކަންކަން ކުރަނީ އިންޑިއާއާ އެކު ހަދާ އެއްބަސްވުންތަކުގެ ސަބަބުން އެކަންކަން ކުރަން މަޖޫބޫރުވާތީ ކަމަށެވެ.

ބޭރު ކުންފުނިތަކަށް އެއާޕޯޓު ހިންގޭ ގޮތް ހެދި އިރު، އިންޑިއާގެ އެހީގައި ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ މަޝްރޫއެއް ވަނީ ރޭވިފަ އެވެ. ނަމަވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެ އެއާޕޯޓު އިންޑިއާގެ ލޯނު އެހީގައި ތަރައްގީކުރިއަސް، އެއާޕޯޓު ހިންގާނީ ސަރުކާރުން ކަމަށެވެ.