ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ ސިފައިންނަށް ދޭން އުޅޭ ނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެފަދަ ނިންމުންތައް ބަދަލުކުރާނެ ކަމަށް ވެސް އެ ދެ ޕާޓީން ރޭ ބުނެފި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް އަޅަން އިންޑިއާއާ ހަވާލުކުރުމާ އެކު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބޭރުގެ ވަކި ގައުމެއްގެ ނަން ބުނެފައެއް ނުވެ އެވެ.

އެ ބަޔާނުގައި ބުނީ އިދިކޮޅު ކޯލިޝަނުން އަބަދުވެސް ރައްކާތެރިކުރަމުން އަންނަ ސިޔާސަތަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުން ހާރިޖީ ސިޔާސަތާއި އަސްކަރީ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ވެސް އެ އަސާސްތަކާ ހިލާފުވެފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ މިފަދަ ދައުވަތުތަކަށް ކުރީގެ ސަރުކާރުން އިޖާބަދީފައި ނުވާނެ ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާ ފަދަ ހުރިހާ ހުށަހެޅުމެއް "ގާދޫކޮލުން ބޭރުކޮށްލި" ކަމަށް ވެސް، ބަޔާނުގައި ސިފަކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ވުރެ ކައިރި ގުޅުމެއް ބޭއްވީ ޗައިނާއާ އެވެ. އެކަމަކު އިންޑިއާ އިން ހިތްހަމަނުޖެހި ދަތިކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅި އެވެ. އޭގެ ތެރޭގައި އިންޑިއާގައި ތިބެން ދިވެހިންނަށް ދެމުން އައި ވިސާ ލިބުން ހަރުކަށިކުރުން ހިމެނެ އެވެ.

ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މިހާރުގެ ސަރުކާރުން އެންމެ ގާތްކޮށް މަސައްކަތްކުރަނީ އިންޑިއާއާ އެވެ. އަދި އިންޑިއާގެ ވަރަށް ބޮޑެތި އެހީތަކުގެ އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.

ޕީޕީއެމުން ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ އެއްވެސް ކަނޑެއް، ފަޅެއް، ރަށެއް ހަލެއް، ނުވަތަ ގިރިއެއް ވެސް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޫވެ، ބީވެގެން ދާނެ އަމަލެއް ޕީޕީއެމް ސަރުކާރުން ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް އެހެން ބަޔަކު ހިންގަން މަސައްކަތްކުރާ ނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށް ވެސް ބުންޏެވެ.

"...ދިވެހިންގެ މި ލޮބުވެތި ކަރާމާތްތެރި ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ސިފައެއްގައި ތިބުމަކީ މި ޕާޓީން ދުވަހަކު ވެސް ތާއީދުކުރި ކަމެއް ނޫނެވެ. އަދި ތާއީދުކުރާނެ ކަމެއް ވެސް ނޫނެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެމްޑީޕީގެ ވެރިކަމުގައި ހިންގާ މިފަދަ ހުރިހާ ކަމެއް ޕީޕީއެމްގެ ވެރިކަމެއްގައި ބަދަލުކުރާނެ ކަމަށެވެ. އެކަމުގައި ސިޔާސީ، ހާރިޖީ އަދި މާލީ އަގަކަށް ބެލުމެއް ނޯންނާނެ ކަމަށް ވެސް ބުންޏެވެ.

"...ދިވެހިންގެ ތަރިކައެއް އަތުން ބީވެގެންދާނެ ފަދަ ގޮތަކަށް މި ސަރުކާރުން ކުރާ ކޮންމެ އަމަލެއް މި ޕާޓީގެ ވެރިކަމުގައި ބަދަލުކުރާނަމެވެ. އެފަދަ އަމަލުތައް ހިންގާ ބަޔަކާ މެދު ކުރިއެކޭ އެއްފަދައިން ގާނޫނީ ގޮތުން ފިޔަވަލު އަޅާނަމެވެ،" އެ ބަޔާނުގައިވެ އެވެ.

އުތުރުތިލަފަޅުގައި ކޯސްޓް ގާޑްގެ ޑޮކްޔާޑެއް އަޅަން އިންޑިޔާއާ ހަވާލުކުރި އެއްބަސްވުމުގައިވާ ގޮތުން ތިން އަހަރު ތެރޭގައި އެތަން ހަދާ ނިންމަން ޖެހެ އެވެ. އަދި އެ މަސައްކަތް ނިންމައި، ހަވާލު ކުރުމަށް ފަހު ވެސް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން އިންޑިޔާ އިން ފޯރުކޮށްދޭނެ އެވެ.

އެކަމަކު އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިއްޔެ ވިދާޅުވީ އެ ބަނދަރު ހަދަނީ އަސްކަރީ ބޭނުމެއްގައި ނޫން ކަމަށެވެ. އެހެންވެ އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.