ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޮޕިކް ފިލްމު "މައިކަލް" ސިނަމާތަކަށް އައުމާ އެކު ބޮޑު ކާމިޔާބީއެއް ހޯދައި، ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމު ވަނީ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 217 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. މިއީ މިއުޒިކަލް ބަޔޮޕިކް ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އޯޕަނިންގެވެ.
އެ ކާމިޔާބީއާ އެކު، މައިކަލް ޖެކްސަންގެ ފިލްމު ވަނީ މަޝްހޫރު "ބޮހީމިއަން ރެޕްސޮޑީ" އާއި "އޮޕެންހައިމާ" ކަހަލަ ފިލްމުތަކުގެ ރެކޯޑުތައް ފަހަތަށް ޖައްސާލައިފަ އެވެ.
އެންޓޮއިން ފުކުއާ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު ކުޅެފައި ވަނީ އޭނާގެ ބޭބެގެ ދަރިފުޅު ޖާފަރު ޖެކްސަން އެވެ.
މި ފިލްމުގައި ދައްކަނީ "ޖެކްސަން 5" އިން ފެށިގެން މައިކަލް ދުނިޔޭގެ އެންމެ ބޮޑު ތަރިއަކަށް ވުމާ ހަމައަށް ކުރި ދިގު ދަތުރެވެ.
ނޫސްވެރިންނާއި ކްރިޓިކުންގެ ފަރާތުން މި ފިލްމަށް އެކި ކަހަލަ ރިވިއުތައް ލިބުނު ނަމަވެސް، އާންމުންގެ މެދުގައި މި ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. ކްރިޓިކުންގެ ފަރާތުން ލިބުނު ގިނަ ނެގެޓިވް ރިވިއުސްތަކާ އެކު، މި ފިލްމަށް ބޮކްސް އޮފީހުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ހީއެއް ނުކުރެވުނެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި ޖާފަރު ޖެކްސަންގެ ހަރަކާތްތަކާއި އަޑު، އޭނާގެ ބޮޑުބޭބެއާ އިންތިހާއަށް އެއްގޮތެވެ.
މިހާރުގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި، މި ފިލްމު ވާނީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ފިލްމަށެވެ. މީގެ އިތުރުން، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ފިލްމަކީ އަންނަ އަހަރުގެ އޮސްކާ އެވޯޑަށް ވެސް ވާދަކުރާނެ ފިލްމެކެވެ.