ބޮލީވުޑްގެ ޑައިރެކްޓަރު، ޕްރޮޑިއުސަރު އަދި އެކްޓަރު ފަރުހާން އަކްތަރު ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.
މިއީ ފަރުހާންގެ ފުރަތަމަ ހޮލީވުޑް ފިލްމު ކަމަށްވާއިރު، އޭނާ ފެންނާނީ ދުނިޔޭގެ މަޝްހޫރު ރޮކް މިއުޒިކް ބޭންޑް "ދަ ބީޓްލްސް"ގެ މައްޗަށް ސޭމް މެންޑޭޒް އުފައްދާ ހަތަރު ބައިގެ ބަޔޮޕިކް ފިލްމަކުންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފަރުހާން އެ ފިލްމުގައި ކުޅޭނީ ބީޓްލްސްގެ ގާތް އެކުވެރިއެއް އަދި 70ގެ އަހަރުތަކުގައި އެ ބޭންޑްގެ މެމްބަރުން އިންޑިއާއަށް ކުރި ދަތުރުގައި މެހެމާންދާރީ އަދާކުރި މަޝްހޫރު އިންޑިއަން ކްލެސިކަލް މިއުޒިކް އާޓިސްޓް ޕަންޑިތު ރަވީ ޝަންކަރުގެ ރޯލެވެ.
ސޮނީ ޕިކްޗާސް އިން އާންމުކުރި ކާސްޓިންގެ ޚަބަރުތަކުގައި ފަރުހާންގެ އިތުރުން، ޕައުލް މެކާޓްނީގެ ފިއަންސޭ ޖޭން އަޝާގެ ރޯލުން ލޫސީ ބޮއިންޓަން، ޖޯން ލެނަންގެ ފުރަތަމަ އަނބިމީހާ ސިންތިއާ ޕޮވެލްގެ ރޯލުން މޯފިޑް ކްލާކް އަދި ބީޓްލްސްގެ އަސްލު ޑްރަމަރު ސްޓިއުއަޓް ސަޓްކްލިފްގެ ރޯލުން ހެރީ ލޯޓީ ފެންނާނެ އެވެ.
ފަރުހާން މީގެ ކުރިން ވަނީ 2022 ވަނަ އަހަރު ނުކުތް ޑިޒްނީ ޕްލަސްގެ ސީރީޒް "މިސް މާވެލް"ގައި ކުޑަ ރޯލެއް ކުޅެފަ އެވެ.
މި ފިލްމުތަކުގައި ބީޓްލްސްގެ މެމްބަރުން ކަމަށްވާ ޖޯން ލެނަންގެ ރޯލު ކުޅެނީ ހެރިސް ޑިކިންސަން އެވެ. ޕައުލް މެކާޓްނީގެ ރޯލުން ޕޯލް މެސްކަލް އާއި ޖޯޖް ހެރިސަންގެ ރޯލުން ޖޯސެފް ކުއިން ފެންނާނެ އެވެ. އަދި ރިންގޯ ސްޓާގެ ރޯލު ކުޅެނީ ބެރީ ކޯގެން އެވެ.
ސޭމް މެންޑޭޒް ޑައިރެކްޓްކުރާ އެ ފިލްމުތަކުގެ ޝޫޓިން މިހާރު ކުރިއަށް ގެންދާއިރު، މި އަހަރުގެ ނިޔަލަށް ޝޫޓިން ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުތައް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އެޕްރީލް 2028 ގަ އެވެ.