ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި "އެމް.އެޒް.އެން މޯލްޑިވްސް ރަން" ގެ ދެ މަގުސަދު ވެސް ހާސިލްވި އެވެ. ރާއްޖޭގެ ކުޅިވަރުގެ ބައްޕަ ކަމަށްވާ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާންތައް އާކުރުމާއި، އޭނާ އާލާކުރެއްވި ކުޅިވަރުގެ ވާދައިގެ ރޫހު، ފެނިގެންދާ ފަދަ ދުވުމުގެ ރޭހެއް ބޭއްވުމެވެ.
މި އިވެންޓް އިންތިޒާމްކުރީ ޒާހިރުގެ އެހީތެރިކަމާ އެކު ކާމިޔާބު ދުވުންތެރިޔަކަށްވި، ރާއްޖޭގެ ކުރީގެ އެއް ވަނަ މެރެތަން ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ގެ ކޭ.އެޗް އެކަޑަމީންނެވެ.
އެންމެ ފުރަތަމަ 350 ޖާގަ ހުޅުވާލި ނަމަވެސް، ތަރުހީބު ބޮޑުވެ 450 ޖާގަ ދޫކުރި އެވެ. އެއީ 200 ކުޑަކުދިންނާއި 250 ބޮޑެތިމީހުންނެވެ. އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށްގެންދިޔަ ހަފުތާ ބަންދަށްވީ ނަމަވެސް، މި ރޭހަށް މިހާ ބޮޑު ތަރުހީބެއް ލިބުމުން ކުޑަހުސެން ހުރީ ހިތްހަމަޖެހިފަ އެވެ.
ހާއްސަކޮށް ޒާހިރު ނަސީރުގެ ހިތްވަރާ އެކު، ރާއްޖޭގެ ކުޅިވަރުގެ އެންމެ މަތީގައި ފިޔަޖަހާލި ވޮލީބޯޅައިގެ ކުރީގެ ކުޅުންތެރިން ބައިވެރިވުމެވެ. އޭގެ ތެރޭގައި ވޮލީބޯޅަ އާއި ފުޓްބޯޅަ މަތީ ފަންތީގައި ކުޅުނު ސައްޔިދު އަލީ އާއި މުހައްމަދު ނަދީމް މެން ވެސް ހިމެނެ އެވެ.
"ވޮލީބޯލް ވެޓްރަންސް ޓީމު ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. ޒާހިރުގެ ހަނދާނުގައި ބާއްވާ މިފަދަ ރޭސްތަކުގައި، ޒާހިރުގެ ކިބައިން ހިތްވަރު ލިބިގެން ކުޅިވަރުގައި ކުރިއަށް ދިޔަ ކުޅުންތެރިން ބައިވެރިވުމަކީ ބޮޑު ހިތްހަމަޖެހުމެއް،" ކުޑަހުސެން ބުންޏެވެ.
ޒާހިރަކީ ރާއްޖޭގައި ވާދަވެރި ރޭސްތަކާއި މުބާރާތްތައް ސީދާ އަމިއްލަފުޅަށް އިންތިޒާމްކުރެއްވި ބޭފުޅެކެވެ. ރޭސް ފަށަން ކަށިގަނޑު ފުމުމުން ފެށިގެން ގިނަ ކަންކަން ކުރެއްވީ ސީދާ އަމިއްލަފުޅަށެވެ. ވަރަށް ހަރަދުކުޑަކޮށް ވަރަށް ސިމްޕަލް ކޮންސެޕްޓަކަށް ކުޅިވަރުގެ ހަރަކާތްތައް ރޭއްވެވި އެވެ. ކުޑަހުސެން މި އިވެންޓް ރޭވީ ވެސް އެފަދަ ގޮތަކަށެވެ.
ހަމައެއާ އެކު، ޒާހިރު ނަސީރު އާލާކުރެއްވި ވާދަވެރި ރޫހު ވެސް އޮންނަ ގޮތަށެވެ. އެހެންވެ "އެމް.ޒެޑް.އެން މޯލްޑިވްސް ރަން" އަކީ ސީރިއަސްކޮށް ދުވާ މީހުންނަށް ލިބުނު މުހިއްމު ފުރުސަތެކެވެ.
"ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ހަފުތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ރޭހެއް އޮންނާނެ ކަމަށް ލަފާކުރެވޭ. އެވަރަށް ދުވުމުގެ ހަރަކާތްތައް ފުޅާވަމުން އަންނަނީ. ދުވުންތެރިންނަށް އެހިސާބުން އޮންނާނެ ވާދަކުރާނެ ރޭހެއް ކަނޑައެޅުމުގެ އޮޕްޝަން. އެގޮތުން މި ރޭސް ވެގެން ދާނީ އެކިއުރޭޓް ރޫޓެއްގައި، ސީދާ ޓައިމް ބަލައިގެން، ވާދަވެރިކޮށް ދުވަން ލިބޭ ފުރުސަތަކަށް،" ކުޑަހުސެން ބުންޏެވެ.
އެގޮތަށް ވިސްނައި ރޭހުގައި ވަނަ ހޮވައި އިނާމް ވެސް ދިނެވެ. ބޮޑެތި މީހުންގެ ބައިގައި ފަސް އުމުރުފުރާއަކުން، ދެ ޖިންސުން އެންމެ ބާރު ފަސް ދުވުންތެރިން ހޮވި އެވެ. އުމުރުފުރާތަކަކީ 13-17، 17-39، 40-50 އަދި 50-60 އެވެ. ކުޑަކުދިންގެ ބައިގައި 6-12 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ދެ ޖިންސުން އެންމެ ބާރު 10 ދުވުންތެރިން ހޮވި އެވެ.
"ކުޑަކުދިންގެ ބައިން ގަދަ 10 ދުވުންތެރިން ހޮވަނީ ވެސް، ވީހާ ވެސް ގިނަ ކުދިންނަށް އިނާމްދީ ހިތްވަރު ދިނުމުގެ ގޮތުން. ކުރިއަށް އޮތްތަނުގައި ގަދަ 15 ވެސް ހޮވާނަން،" ކުޑަހުސެން ބުންޏެވެ.
ރޭހުގެ އިވެންޓްތަކުން އެއް ވަނަ ހޯދި ދުވުންތެރިން
- ފަސް ކިލޯމީޓަރު (13-17 ފިރިހެން) – އާބިދު ޝިރާޖް 20:03 މިނެޓު
- ފަސް ކިލޯމީޓަރު (17-13 އަންހެން) – ޝަލްޝަލް މުބީން ޖަލީލް 32:49 މިނެޓު
- ފަސް ކިލޯމީޓަރު (18-39 ފިރިހެން) – ހުސެއިން އަފްރާހް 18:19 މިނެތު
- ފަސް ކިލޯމީޓަރު (18-39 އަންހެން) – ފާތިމަތު މުނާ ހުސެއިން 25:11 މިނެޓު
- ފަސް ކިލޯމީޓަރު (40-50 ފިރިހެން) – އަހުމަދު ނިޒާމް 19:09 މިނެޓު
- ފަސް ކިލޯމީޓަރު (18-39 އަންހެން) – އައިޝަތު އަލީ 29:09 މިނެޓު
- ފަސް ކިލޯމީޓަރު (50 އަހަރުން މަތި ފިރިހެން) – އަހުމަދު ޖަމީލް 25:45 މިނެޓު
- ފަސް ކިލޯމީޓަރު (50 އަހަރުން މަތި އަންހެން) – އައިޝަތު މަދީހާ 30:28 މިނެޓު
- ތިން ކިލޯމީޓަރު (6-12 ފިރިހެން) – އަބްސަލް އަބްދުﷲ އާދަމް 13:12 މިނެޓު
- ތިން ކިލޯމީޓަރު (6-12 އަންހެން) – އައިލީން އާސިފް 15:45 މިނެޓު
ކޭ.އެޗް އެކަޑަމީން މުސްތަގުބަލުގައި 10 ކިލޯމީޓަރާއި ހާފް މެރެތަން އަދި ފުލް މެރެތަން ރޭސްތަކެއް ވެސް ބާއްވާނެ އެވެ. އެކަމަކު ފަސް ކިލޯމީޓަރު ދުވުން އަބަދުވެސް ބާއްވާނ "އެމް.ޒެޑް. އެން މޯލްޑިވްސް ރަން" ގެ ނަމުގައި ޒާހިރުގެ ހަނދާނުގަ އެވެ.
މީގެ ތިން އަހަރު ކުރިން އުމުރުފުޅުން 87 އަހަރުގައި އަވަހާރަވި ޒާހިރު ނަސީރަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވަރަށް ގިނަ ޒަމާންތަކެއް ކުރައްވައި އަދި ރާއްޖޭގައި ކުޅިވަރު އާލާކޮށް ދިރުވުމުގައި އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކުޅިވަރު މުބާރާތްތައް ރާއްވަވައި އަދި އަމަލީ ގޮތުން މުބާރާތްތައް ހިންގަވައި އަދި ކުޅިވަރު އެތައް ކުޅުންތެރިންނެއް އުފެއްދެވި އެވެ. ރާއްޖޭގެ މެރެތަން ދުވުމުގެ ގައުމީ ރެކޯޑް ގިނަ ދުވަސްތަކެއް ވަންދެއް ދެމެހެއްޓި ކުޑަހުސެން އަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓެވެ.