މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ބޭއްވެވި "މާލޭ މެރެތަން" 21 އަހަރަށް ފަހު "މޯލްޑިވްސް މެރެތަން" ގެ ނަމުގައި މި އަހަރު އަލުން ފަށަން، އޭނާގެ ދަރިވަރު ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ނިންމައިފި އެވެ.

އެ ރޭސް ހަ ފަހަރު ކާމިޔާބުކުރި ކުޑަހުސެންގެ ކުޑަހުސެން ސްޕޯޓްސް އެކަޑަމީން އިންތިޒާމްކުރާ މޯލްޑިވްސް މެރެތަން އޮންނާނީ އަންނަ ނޮވެމްބަރު 3 ވަނަ ދުވަހު ހުޅުމާލޭގަ އެވެ. ޒާހިރު ނަސީރު 1987 އިން ފެށިގެން 12 އަހަރު ރޭސް ބާއްވަވާފައިވާތީވެ ކުޑަހުސެން މޯލްޑިވްސް މެރެތަން ފަށަނީ 13 ވަނަ ރޭހުގެ ގޮތުގަ އެވެ.

ކުޑަހުސެން ބުނީ މެރެތަން ދުވުމުގެ ތެރެއިން އޭނާގެ ދިރިއުޅުން ބަދަލުކޮށްލެއްވީ ޒާހިރު ކަމަށާއި އޭނާގެ ހުރިހާ ވެސް ހިތްވަރަކީ އޭނާ ކަމަށެވެ. އެހެންވެ ޒާހިރު ކުރެއްވި މުހިއްމު މަސައްކަތެއް ދިރުވުމުގެ ގޮތުންނާއި އޭނާގެ ހަނދާންތައް އާކުރަން މި ރޭސް އަލުން ފަށަން ނިންމީ ކަމަށެވެ.

ޒާހިރު އޭރު ކޮންމެ އަހަރެއްގެ ޖެނުއަރީ 1 ގައި ބޭއްވެވި ރޭސް ކުޑަހުސެން އަލުން ފަށާއިރު މި ބާއްވަނީ ނަސްރުގެ ދުވަހާ ދިމާކޮށް ނޮވެމްބަރު 3 ގަ އެވެ. ސިފައިންގޭގައި ކުރިން މަސައްކަތްކުރި އަދި ނޮވެމްބަރު ތިނަކާ ގުޅޭ ފޮތެއް ލިޔެފައިވާ ކުޑަހުސެން އެ ދުވަހު ރޭސް ބާއްވަން ނިންމީ ރާއްޖޭގެ ތާރީހާ ގުޅޭ ހާއްސަ ދުވަހެއްގައި މި ރޭސް ފެށުމުގެ ގޮތުންނެވެ. އެކަމަކު އެ ދުވަހުގެ ހެނދުނު ސިފައިންގެ ހާއްސަ ހަރަކާތްތަކެއް އޮންނާތީވެ، ސިފައިންނަށް މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލޭތީ، އަންނަ އަހަރު ރޭސް ބާއްވާ ތާރީހަށް ބަދަލެއް އަތުވެދާނެ އެވެ.

މި ރޭހުގައި އޮންނާނީ ފުލް މެރެތަން، ހާފް މެރެތަން، 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރު އަދި ކުޑަކުދިންގެ ދެ ކިލޯމީޓަރު ދުވުމެވެ. ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އޮންލައިންކޮށް އަދި އަލިކިލެގެފާނު މަގުގައި ހުންނަ ކުޑަހުސެން ސްޕޯޓްސް ލެބަށް ގޮސްގެން ވެސް ރަޖިސްޓްރީކުރެވޭނެ އެވެ، ކުޑަހުސެން އިނާމް ހުށަހަޅާފައިވަނީ ވެސް ތަފާތު ގޮތަކަށެވެ. އެގޮތުން މި ރޭހުގައި އަލަށް މެރެތަނެއް ޖަހާ ފިރިހެން/ އަންހެން ދުވުންތެރިންނަށް ހާއްސަ ފިލައެއް ދޭނެ އެވެ.

ކުޑަހުސެން އެއް ވަނަ މާލޭ މެރެތަންގައި ދުވި ޓައިމިން ކަމަށްވާ 3 ގަޑި 26 މިނެޓަށް ވުރެ އަވަހަށް ނިންމާ ބައިވެރިންނާއި 1000ރ. އަދި އޭނާ 1988 ވަނަ އަހަރު ރެކޯޑް ހެދި ޓައިމިން ކަމަށްވާ 2:45 މިނެޓަށް ވުރެ އަވަހަށް ނިންމާ ބައިވެރިންނަށް 7000ރ. ގެ ފައިސާގެ އިނާމް ދޭނެ އެވެ. ރާއްޖޭގެ މިހާރުގެ ރެކޯޑް މުގުރާލައިފި ނަމަ 25،000ރ. ގެ އިނާމެއް ލިބޭނެ އެވެ. މީގެ އިތުރުން ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމާ ފިރިހެން ދުވުންތެރިންނާއި ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމާ އަންހެން ބައިވެރިންނަށް 4000ރ. ގެ އިނާމެއް ދޭނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މެރެތަން ރޭސް ޒާހިރު ބާއްވާފައިވަނީ ގައުމީ އެތުލެޓިކްސް މުބާރާތުގެ އިވެންޓެއްގެ ގޮތުގައި ހަތްދިހައިގެ ފަހުކޮޅުގެ އަހަރުތަކުގަ އެވެ. އޭރު އޮންނަނީ ހެންވޭރު ޕާކު ވަށައި 97 ބުރު ޖެހުމެވެ. ރެކޯޑް އޮންނަނީ 3 ގަޑި 26 މިނެޓުން ދުވި ސިފައިންގޭގެ އަބްދުލްއަޒީޒް އަތުގަ އެވެ.

މެރެތަން ރޭސް ވަކިން ބާއްވަން ފެށީ 1987 ވަނަ އަހަރު މާލޭ މެރެތަންގެ ނަމުގައި ފެށި ސިލްސިލާ އިންނެވެ. ފުރަތަމަ އަހަރު އެއް ވަނަ ހޯދި ކުޑަހުސެން އަކީ ރާއްޖޭން އޮލިމްޕިކްސްއެއްގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާ 1988 ގެ ސޯލް އޮލިމްޕިކްސް އަށް ދާނެ ދުވުންތެރިން ހޮވަން ބޭއްވި ސިލެކްޝަނުން ނުކުތް ދުވުންތެރިޔެކެވެ. އޭނާ އެ ރޭހުގައި ދުވުމުގެ ކުރިން ވަނީ ރެކޯޑަކީ ކޮބައިތޯ ޒާހިރު ގާތު އަހައިފަ އެވެ.

"ޒާހިރު ވިދާޅުވި ރެކޯޑް ވަގުތަށް ދުވެވޭނީ ވަރަށް މޮޅު މީހުންނަށޭ. އެކަމާ ނޫޅޭށޭ،" ކުޑަހުސެން ބުންޏެވެ.

އެކަމަކު ފުރަތަމަ އަހަރު ކުޑަހުސެން ވަނީ 3 ގަޑި 26 މިނެޓުން ދުވެ ރެކޯޑާ ދާދި ހަމަކޮށްފަ އެވެ. އޭނާ ލަސްވީ ސިކުންތުކޮޅެކެވެ. ބޯވާރޭގެ ތެރޭގައި ފެންހެދިފައިވާ މަގުތަކުގައި އޭނާ އެ ފަހަރު ދުއްވީ ރަށްޓެއްސަކު ދިން އޭނާގެ ސައިޒަށް ވުރެ ބޮޑު ބޫޓަކަށް އަރައިގެންނެވެ.

ޒާހިރު ނަސީރު (ކ) އާއި ކުޑަހުސެން.
ޒާހިރު ނަސީރު (ކ) އާއި ކުޑަހުސެން.

އޭގެ ފަހުން ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި 2 ގަޑި 45.03 މިނެޓުން ކުޑަހުސެން ހެދި ގައުމީ ރެކޯޑް މުގުރާލެވުނީ 27 އަހަރަށް ފަހު 2017 ވަނަ އަހަރު އެވެ. އޭނާ 1994 ވަނަ އަހަރު ކިޔަވަން ދިއުމާ ހަމަޔަށް ވާދަކުރި ކޮންމެ މެރެތަން ރޭހެއްގެ އެއް ވަނަ ހޯދި އެވެ.

ކުޑަހުސެން އަންނަނީ އެފަދަ ފުރުސަތުތައް އޭނާ އަށް ހޯދައިދިން ޒާހިރުގެ ހަނދާންތައް އާކުރަން ވަރަށް ގިނަ ހަރަކާތްތަކެއް މިހާރު ވެސް ހިންގަމުންނެވެ. އެގޮތުން ޒާހިރު ރާއްޖެ އަށް ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ތައާރަފްކުރެއްވި ރިލޭ ސްޓައިލުގެ ދިގު ރާސްތާ ދުވުމުގެ ރޭސް "އެކިޑެން" އަންނަނީ ބާއްވަމުންނެވެ. އަދި ޒާހިރުގެ ހަނދާނުގައި "އެމް.އެޒް.އެން މޯލްޑިވްސް ރަން" ގެ ނަމުގައި ދުވުމުގެ ރޭހެއް ވެސް ބާއްވަ އެވެ.

ޒާހިރަކީ ރާއްޖޭގައި ވާދަވެރި ރޭސްތަކާއި މުބާރާތްތައް ސީދާ އަމިއްލަފުޅަށް އިންތިޒާމްކުރެއްވި ބޭފުޅެކެވެ. ރޭސް ފަށަން ކަށިގަނޑު ފުމުމުން ފެށިގެން ގިނަ ކަންކަން ކުރެއްވީ ސީދާ އަމިއްލަފުޅަށެވެ. ވަރަށް ހަރަދުކުޑަކޮށް ވަރަށް ސިމްޕަލް ކޮންސެޕްޓަކަށް ކުޅިވަރުގެ ހަރަކާތްތައް ރޭއްވެވި އެވެ. ކުޑަހުސެން މި އިވެންޓްތައް ރާވަނީ ވެސް އެފަދަ ގޮތަކަށެވެ.