ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަކަމުގައި ގިނަ ބަޔަކު ދެކޭ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނުގައި އަންނަ މޭ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގައި ދުވުމުގެ ރޭހެއް ބާއްވަން ކޭ.އެޗް އެކަޑަމީން ނިންމައިފި އެވެ.
ޒާހިރުގެ އެހީތެރިކަމާ އެކު، ކާމިޔާބު ދުވުންތެރިޔަކަށްވި ހުސެއިން ހަލީމް (ކުޑަހުސެން) ގެ އެކަޑަމީން ބާއްވާ މި ދުވުމުގެ ނަމަކީ "އެމްއެޒްއެން މޯލްޑިވްސް ރަން" އެވެ. ކުޑަހުސެން ވަނީ 2017 ވަނަ އަހަރު ވެސް ޒާހިރުގެ ހަނދާން އާކުރުމުގެ ގޮތުން ދުވުމުގެ ހަރަކާތެއް ބާއްވައިފަ އެވެ. އެކަމަކު މިއީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ގަވާއިދުން ބާއްވަން ނިންމާފައިވާ ހާއްސަ ރޭހެކެވެ.
ކުޑަހުސެން ބުނީ ބޭނުމަކީ ދިވެހި ކުޅިވަރަށް ޒާހިރުކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް އޭނާގެ ހަނދާންތައް އާކުރުން ކަމަށެވެ.
"މަރްހޫމް ޒާހިރު ނަސީރު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާ ދާއިރާއެއްގައި ކުޅިވަރު ޕްރޮމޯޓްކޮށްދެއްވާފައި. ޒާހިރު ވެވަޑައިގަތީ އެތައް ކުދިންތަކެއްގެ ހިތްވަރަކަށް. އޭގެ ތެރެއިން އެކެއް އަހަންނަކީ ވެސް. އޭނާ އަވަހާރަވުމުގެ ކުރިން އަހަރެން ވައުދުވިން އޭނާގެ ލެގަސީ އަހަރެން ދަމަހައްޓާނެ ކަމަށް،" ކުޑަހުސެން ބުންޏެވެ.
ކުޑަހުސެން ކުރިން ބުނި ގޮތުގައި ޒާހިރު ނަސީރަކީ ވަރަށް ހަރަދުކުޑަކޮށް ވަރަށް ސިމްޕަލް ކޮންސެޕްޓަކަށް ކުޅިވަރުގެ ހަރަކާތްތައް ރާއްވަވައި ކުރިއަށް ގެންދެވި ބޭފުޅެއް ކަމަށެވެ. އެހެންވެ މި އިވެންޓްތައް ބާއްވާނީ އެ އުސޫލުންނެވެ.
މި އިވެންޓުގައި އޮންނާނީ ކުޑަކުދިންނަށް ބާއްވާ ތިން ކިލޯމީޓަރުގެ ރޭހަކާއި ބޮޑެތި މީހުންނަށް ބާއްވާ ފަސް ކިލޯމީޓަރުގެ ރޭހެކެވެ. ކުޑަކުދިންގެ ބައިގައި 200 ޖާގަ ހުޅުވާލަފައިވާއިރު ބޮޑެތި މީހުންނަށް ހުޅުވާލާފައިވަނީ 250 ޖާގަ އެވެ. ކޭ.އެޗް އެކަޑަމީގެ އޮފީހުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކުޅިވަރު އެކުވެނީގައި ކޮންމެ ދުވަހެއްގެ ހަވީރު 5-9 އަށް ވެސް ރަޖިސްޓްރޭޝަން އޮންނާނެ އެވެ. ކުޑަކުދިންގެ ބައިގައި 250ރ. ގެ ފީއެއ ދައްކައިގެން ބައިވެރިވެވޭއިރު ބޮޑެތި މީހުންގެ ބައިގައި ބައިވެރިވެވޭނީ 350ރ. ފީ އެއް ދައްކައިގެންނެވެ.
އިވެންޓުގައި ބޮޑެތި މީހުންގެ ބައިގައި ފަސް އުމުރުފުރާއަކުން، ދެ ޖިންސުން އެންމެ ބާރު ފަސް ދުވުންތެރިން ހޮވައި މެޑަލް ދޭނެ އެވެ. އުމުރުފުރާތަކަކީ 13-17، 17-39، 40-50 އަދި 50-60 އެވެ. ކުޑަކުދިންގެ ބައިގައި 6-12 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ދެ ޖިންސުން އެންމެ ބާރު 10 ދުވުންތެރިން ހޮވާނެ އެވެ.
މީގެ ތިން އަހަރު ކުރިން އުމުރުފުޅުން 87 އަހަރުގައި އަވަހާރަވި ޒާހިރު ނަސީރަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވަރަށް ގިނަ ޒަމާންތަކެއް ކުރައްވައި އަދި ރާއްޖޭގައި ކުޅިވަރު އާލާކޮށް ދިރުވުމުގައި އަގުނުކުރެވޭ ފަދަ ހިދުމަތްތަކެެއް ކުރެއްވި ބޭފުޅެކެވެ. ކުޅިވަރު މުބާރާތްތައް ރާއްވަވައި އަދި އަމަލީ ގޮތުން މުބާރާތްތައް ހިންގަވައި އަދި ކުޅިވަރު އެތައް ކުޅުންތެރިންނެއް އުފެއްދެވި އެވެ. ރާއްޖޭގެ މެރެތަން ދުވުމުގެ ގައުމީ ރެކޯޑް ގިނަ ދުވަސްތަކެއް ވަންދެއް ދެމެހެއްޓި ކުޑަހުސެން އަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓެވެ.