މިދިޔަ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި ކުޑަހުސެން ސްޕޯޓްސް އެކަޑަމީން (ކޭއެޗް ސްޕޯޓްސް އެކަޑަމީ) ބޭއްވީ ފެންނަ ފެނުމަށް ދުވުމުގެ އާއްމު އިވެންޓެކެވެ. އެކަމަކު ހަގީގަތުގައި އެއީ ރާއްޖޭގެ ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާންތައް އާކޮށް އެމަނިކުފާނު ދެއްކެވި ނަމޫނާތައް ނަކަލުކުރި ހާއްސަ އިވެންޓެކެވެ.

ޒާހިރު ނަސީރުގެ ބެލެނެވެރިކަމުގެ ދަށުން ކުޅިވަރުގެ ތެރެއަށް ނުކުމެ ދިގު ރާސްތާ ދުވުމުގެ އެންމެ އުހުން ޖާގަ ހޯދި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ގެ އެކަޑަމީން ބޭއްވި މޯލްޑިވްސް މެރެތަންގައި ބޭއްވީ ފަސް ކިލޯމީޓަރުގެ ދުވުމާއި 2 ކިލޯމީޓަރުގެ ދުވުމެކެވެ. ޒާހިރުގެ ދުވަސްވަރު ވެސް ރޭސްތައް ފެށުމަށް ކަށިގަނޑު ފުމޭ އުސޫލުން، މި ރޭސް ފެށީ ވެސް އެގޮތަށެވެ. ކަށިގަނޑު ފުމެދެއްވީ ޒާހިރުގެ އަރިސް ބޭފުޅެއް ކަމަށްވާ އާދަމް ޒާހިރުގެ އިތުރުން ޒާހިރަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ ނާޝިދެވެ.

ރޭސް ފެށުމުގެ ކުރިން ކުޑަހުސެން ބައިވެރިންނާ މުހާތަބުކޮށް ދެއްކި ވާހަކައިގައި ވަނީ ޒާހިރުގެ ފަރާތުން އެތައް ފިލާވަޅުތަކެއް ދަސްވެފައިވާ ކަމަށް ބުނެފަ އެވެ. އެކަމުގައި އަދިވެސް ހިފަހައްޓަމުން އަންނަކަން ވެސް އޭނާ ފާހަގަކުރި އެވެ. އޭގެ ތެރޭގައި ގަޑިއަށް ކަންކަން ފެށުމާއި ނިންމުމާއި އެމާހައުލަކާ ގުޅިގެން ކަންކަން ރާވާ ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ކުޑަހުސެން ސްޕޯޓްސް އެކަޑަމީގެ އިވެންޓުގެ ބައިވެރިން.
ކުޑަހުސެން ސްޕޯޓްސް އެކަޑަމީގެ އިވެންޓުގެ ބައިވެރިން.

ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ދެ ކިލޯމީޓަރުގެ ދުވުމުގައި 41 ކުދިން ބައިވެރިވި އެވެ. މިބައިން ފިރިހެން ކުދިންގެ އެއް ވަނަ ހޯދީ އަކްސަލް އަބްދުﷲ އެވެ. އަންހެން އެއް ވަނަ ހޯދީ އައިޝަތު ހުސެއިން ޝާފީ އެވެ.

ބާރަ އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވި ފަސް ކިލޯމީޓަރު ރޭހުގެ ފިރިހެން އެއް ވަނަ ދުވުންތެރިޔަކީ 19:43 މިނެޓުން ރޭސް ނިންމި އިބްރާހިމް ޝިވާޒެވެ. އަންހެން އެއް ވަނަ އަކީ 22:32 މިނެޓުން ރޭސް ނިންމި ސްރީ ލަންކާގެ ޕެޓްރީޝިއާ ގޯމޭޒެވެ. މި ބައިގައި ޖުމްލަ 80 ދުވުންތެރިން ބައިވެރިިވެ އެވެ.

ރޭސް ނިންމި ކޮންމެ ބައިވެރިޔަކަށް ރޭސް ނިންމި ވަގުތު ޖަހާފައިވާ ހަނދާނީ ލިޔުމަކަށާއި މެޑަލެއް ވަނީ ދީފަ އެވެ.

ޒާހިރުގެ ހިތްވަރުދެއްވުމާއި އެހީއާ އެކު ކުޅިވަރުގެ އެންމެ މަތީ ހަރުފަތަށް އެރި ކުޑަހުސެން ބުނީ ބޭނުންވަނީ ޒާހިރު ދައްކައިދިން ނަމޫނާ އާއި ގެންއުޅުއްވި އުސޫލުތައް ދިރުވައި އާލާކުރުން ކަމަށެވެ.

"ޒާހިރު ނަސީރަކީ ވަރަށް ހަރަދުކުޑަކޮށް ވަރަށް ސިމްޕަލް ކޮންސެޕްޓަކަށް ކުޅިވަރުގެ ހަރަކާތްތައް ރާއްވަވައި ކުރިއަށް ގެންދެވި ބޭފުޅެއް. އެހެންކަމުން އަޅުގަނޑުމެން މި އިވެންޓްތައް ވެސް ބާއްވަނީ އެ އުސޫލުން،" ކުޑަހުސެން ބުންޏެވެ. "ބޭނުންވަނީ ޒާހިރުގެ ލެގަސީ ދެމެހެއްޓުން."

ކުޑަ ހުސެން ސްޕޯޓްސް އެކަޑަމީގެ އިވެންޓުގެ ތެރެއިން.
ކުޑަ ހުސެން ސްޕޯޓްސް އެކަޑަމީގެ އިވެންޓުގެ ތެރެއިން.

ކޭއެޗް އެކަޑަމީން ރާވާފައިވަނީ ކޮންމެ މަހަކު ހަރަކާތެއް ބޭއްވުމަށެވެ. އެގޮތުން ދުވުމުގެ އިތުރުން ފެތުމާއި ބައިސިކަލް ރޭހުގެ އިވެންޓްތައް ވެސް ކުރިއަށްގެންދާނެ ކަމަށް ކުޑަހުސެން ބުންޏެވެ. މީގެ އިތުރުން ރަށްރަށުގެ ސްކޫލްތަކުން އެދިއްޖެ ނަމަ އެ ރަށެއްގައި އިވެންޓްތައް ބާއްވައިދޭން ރާވާފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.

މިދިޔަ އަހަރުގެ މޭ މަހު އުމުރުފުޅުން 87 އަހަރުގައި އަވަހާރަވި ޒާހިރު ނަސީރަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވަރަށް ގިނަ ޒަމާންތަކެއް ކުރައްވައި އަދި ރާއްޖޭގައި ކުޅިވަރު އާލާކޮށް ދިރުވުމުގައި އަގުނުކުރެވޭ ފަދަ ހިދުމަތްތަކެެއް ކުރެއްވި ބޭފުޅެކެވެ. ކުޅިވަރު މުބާރާތްތައް ރާއްވަވައި އަދި އަމަލީ ގޮތުން މުބާރާތްތައް ހިންގަވައި އަދި ކުޅިވަރު އެތައް ކުޅުންތެރިންނެއް އުފެއްދެވި އެވެ. ރާއްޖޭގެ މެރެތަން ދުވުމުގެ ގައުމީ ރެކޯޑް އޮންނަ ކުޑަހުސެން އަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓެވެ.