ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ މަރްހޫމް ޒާހިރު ނަސީރުގެ ލެގަސީ ދެމެހެއްޓުމަށްޓަކައި ކުރީގެ ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ގެ ކޭއެޗް އެކަޑަމީން ކުޅިވަރުގެ ސިލްސިލާ ހަރަކާތްތަކެއް ފަށަން ނިންމައިފި އެވެ.
އެގޮތުން އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އޮންނާނީ އަންނަ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި ބާއްވާ ދުވުމެކެވެ. ބާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ފަސް ކިލޯމީޓަރުގެ އިވެންޓެއް އޮންނައިރު ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ދެ ކިލޯމީޓަރުގެ ދުވުމެއް އެ ދުވަހު އޮންނާނެ އެވެ.
ފަސް ކިލޯމީޓަރުގެ ދުވުން ހެނދުނު 7 ޖަހާއިރު ފަށާއިރު ދެ ކިލޯމީޓަރުގެ ދުވުން ފަށާނީ 8 ޖަހާއިރެވެ. ދުވުމުގައި ބައިވެރިވާން އެދޭ ފޯމް ކޭއެޗް އެކަޑަމީން ލިބޭއިރު ބައިވެރިވެވޭނީ 100ރ. ގެ ފީއެއް ދައްކައިގެންނެވެ. ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޒާހިރުގެ ހިތްވަރުދެއްވުމާއި އެހީއާ އެކު ކުޅިވަރުގެ އެންމެ މަތީ ހަރުފަތަށް އެރި ކުޑަހުސެން ބުނީ ބޭނުންވަނީ ޒާހިރު ދައްކައިދިން ނަމޫނާ އާއި ގެންއުޅުއްވި އުސޫލުތައް ދިރުވައި އާލާކުރުން ކަމަށެވެ.
"ޒާހިރު ނަސީރަކީ ވަރަށް ހަރަދުކުޑަކޮށް ވަރަށް ސިމްޕަލް ކޮންސެޕްޓަކަށް ކުޅިވަރުގެ ހަރަކާތްތައް ރާއްވަވައި ކުރިއަށް ގެންދެވި ބޭފުޅެއް. އެހެންކަމުން އަޅުގަނޑުމެން މި އިވެންޓްތައް ވެސް ބާއްވަނީ އެ އުސޫލުން،" ކުޑަހުސެން ބުންޏެވެ. "ބޭނުންވަނީ ޒާހިރުގެ ލެގަސީ ދެމެހެއްޓުން."
ކޭއެޗް އެކަޑަމީން ރާވާފައިވަނީ ކޮންމެ މަހަކު ހަރަކާތެއް ބޭއްވުމަށެވެ. އެގޮތުން ދުވުމުގެ އިތުރުން ފެތުމާއި ބައިސިކަލް ރޭހުގެ އިވެންޓްތައް ވެސް ކުރިއަށްގެންދާނެ ކަމަށް ކުޑަހުސެން ބުންޏެވެ. މީގެ އިތުރުން ރަށްރަށުގެ ސްކޫލްތަކުން އެދިއްޖެ ނަމަ އެ ރަށެއްގައި އިވެންޓްތައް ބާއްވައިދޭން ރާވާފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.
"އަތޮޅުތަކުން ވެސް އިސް ނަގައިގެން އެދެންވީ. މިސާލަކަށް ޖުލައި 26 ފާހަގަކުރަން ދެ ކިލޯމީޓަރު ދުވުމުގެ ރޭހެއް ބާއްވަނީ. އެހެންވެއްޖެ ނަމަ އަޅުގަނޑުމެން ސެޓްކޮށްދޭނަން ހުރިހާ ކަމެއް އަދި މިކޮޅުން މީހަކު ގޮސްގެން ނުވަތަ އެ ރަށެއްގައި ކުޅިވަރުގެ މީހަކު ހުރެއްޖެ ނަމަ އެ މީހަކާ ހަވާލުކޮށްގެން އަޅުގަނޑުމެން ކުރިއަށްގެންގޮސްދޭނަން. ވަރަށް ކުޑަ ހަރަދަކުން އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ކަންކަން ރާވާލަން،" ކުޑަހުސެން ބުންޏެވެ.
މިދިޔަ އަހަރުގެ މޭ މަހު އުމުރުފުޅުން 87 އަހަރުގައި އަވަހާރަވި ޒާހިރު ނަސީރަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވަރަށް ގިނަ ޒަމާންތަކެއް ކުރައްވައި އަދި ރާއްޖޭގައި ކުޅިވަރު އާލާކޮށް ދިރުވުމުގައި އަގުނުކުރެވޭ ފަދަ ހިދުމަތްތަކެެއް ކުރެއްވި ބޭފުޅެކެވެ. ކުޅިވަރު މުބާރާތްތައް ރާއްވަވައި އަދި އަމަލީ ގޮތުން މުބާރާތްތައް ހިންގަވައި އަދި ކުޅިވަރު އެތައް ކުޅުންތެރިންނެއް އުފެއްދެވި އެވެ. ރާއްޖޭގެ މެރެތަން ދުވުމުގެ ގައުމީ ރެކޯޑް އޮންނަ ކުޑަހުސެން އަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓެވެ.