ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުގައި، ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ހިލޭސާބަހަށް މަސައްކަތް ކުރުމަށް ގުޑްވިލް އެމްބެސަޑަރުންގެ ގޮތުން ތިން ބޭފުޅަކު މިއަދު ހަމަޖައްސައިފި އެވެ.

މިއަދު މުޅި ދުނިޔޭގައި ފާހަގަ ކުރާ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި "ގުޑްވިލް އެމްބެސަޑަރުން"ގެ ގޮތުގައި ހަމަޖެއްސީ ޒިހުނަތު ހަސަނާއި މަރިޔަމް ފަޒުނީ އާއި އަހުމަދު އަންސާމެވެ.

އޭގެ ތެރެއިން ޓީވީއެމްގެ ޕްރެޒެންޓަރު ޒިހުނަތަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން، ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތެކެވެ. ފަޒުނީ އަކީ އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ކިޔަވައިދޭ ޓީޗަރެކެވެ. އަދި އަންސާމަކީ ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ފައުންޑަރެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ވިދާޅުވީ އެ އެމްބެސަޑަރުންނަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ބާރުވެރިކުރުމަށް ޖެންޑާ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަން ކަނޑައެޅި ބައެއް ކަމަށެވެ. އެކަމަށް އެމްބެސަޑަރުންގެ އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ކަނޑައެޅި އެމްބެސެޑަރުންނަކީ އަހުމަދު ހިސާނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެއާ ސޮސައިޓީގެ ފައުންޑަ މެމްބަރު ފާތިމަތު އާފިޔާ އެވެ.

ޖެންޑާ މިނިސްޓްރީން ކަނޑައަޅާ އެ އެމްބެސަޑަރުންނަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާނެ ބައެކެވެ.