ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ފާހަގަ ކޮށްލެވޭ މީހުންނާއި އެ ދާއިރާއަށް އެކި ގޮތްގޮތުން އެހީތައް ފޯރުކޮށްދޭ ފަރާތްތަކަށް މިއަދު އެވޯޑު ދީފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭން ފާހަގަ ކޮށްލެވޭ މީހުންނަށް ދޭ އެވޯޑު ލިބިފައިވަނީ އަޑުއިވުމުގައި ނުކުޅެދުންތެރިކަން ހުރި ނަމަވެސް ކުރެހުމާއި ފޮޓޯ ނެގުމުގައި ހަރަކާތްތެރިވާ މުހައްމަދު އައްވާމް، ސ. މީދު އާއި އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންގެ ޖަމިއްޔާ، ޑެފް އެސޯސިއޭޝަންގެ އިސް މަގާމެއް ފުރަމުން އަންނަ ގދ. ފަރެސްމާތޮޑާ، ނާރެސް، ދީނާ ލަތީފަށާއި، ފެނުމުން މަހުރޫމްވެފައިވާ އެކަމަކު ހދ. ކުރިނބީ ޕްރީ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ އެ ރަށު ދިލްބަހާރުގޭ ނަޒީހާ އަބްދުއްސައްތާރަށާއި ފެނުމުން މަހުރޫމް ވެފައިވާ، އެކަމަކު ގުރުއާން ހިތުދަސް ށ. ފޭދޫ، ވަވަތި އަބްދުއްރަޝީދާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސްގެ ނައިބު ރައީސް ގއ. ވިލިނގިލީ ފީރޯޒުގޭ އަހުމަދު ނަޖީބަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ އިން އިނާމު ލިބިފައިވަނީ ގދ. ތިނަދޫ ދުންތަރި ޝަތުރަތު ޝާކިރާއި ސ. ހިތަދޫ ޓައިމާގޭ ޒިހުނަތު ހަސަން އަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިޔަވައިދިނުމަށް ޝަތުރަތު 12 އަހަރު ހޭދަ ކޮށްފައިވާ އިރު އޯޓިޒަމަށް ހޭލުންތެރިކުރުމަށް ޒިހުނަތު އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަންނީ ގޮތުން އެހީތެރިކަން ފޯރު ކޮށްދިނުމުގެ އެވޯޑު ލިބިފައިވަނީ އޯޓިޒަމް ހުންނަ ކުދިންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ޖަމިއްޔާއެއް ހިންގަވަމުން އަންނަ މ. ޖަވާހިރު ވާދީ އިފްހާމް ހުސައިނާއި ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާ އިން ރާއްޖޭން މަތީ ތައުލީމު ހާސިލްކޮށް، އެ ދާއިރާ އިން ހިދުމަތް ކުރައްވަމުން އަންނަ މއ. މާވެޔޮ ވިލާ ފާތުމަތު ޖަމީލަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމީ ގޮތުން އެހީތެރިވުމުގެ އެވޯޑު ލިބިފައިވަނީ ޖަމާލުއްދީން ސްކޫލަށާއި ޏ. ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން މައުލޫމާތު ފެތުރުމުގެ އެވޯޑު ލިބިފައިވަނީ ވީއެފްއެމް 99 އަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ އެވޯޑު ދީފައިވަނީ އެމްޓީސީސީއަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަކެތީގެ ގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެވޯޑު ލިބިފައިވަނީ އަލިފުޅު ތުއްތު ފައުންޑޭޝަނަށެވެ. އަދި އެ ފަދަ މީހުންނަށް ހިދުމަތް ދިނުމުގައި އެންމެ ފާހަގަ ކޮށްލެވޭ އަމިއްލަ ޖަމިއްޔާގެ އެވޯޑު ލިބިފައިވަނީ ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނަށެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.
ނުވަ ކެޓަގަރީއަކުން ދިން މި އެވޯޑުތަކަށް 45 ފަރާތަކުން ކުރިމަތިލި އިރު އެވޯޑު ދޭނެ މީހުން ހޮވާފައިވަނީ އިންޓަވިއުކޮށްގެންނާއި އެ ފަރާތްތަކުން ހުށަހެޅި ލިޔެކިޔުންތަކަށް ބެލުމަށް ފަހު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް، ގައުމީ ފެންވަރުގެ ކެމްޕޭނެއް ވަރަށް އަވަހަށް ތައާރަފް ކުރަން ނިންމާފައިވާއިރު، އެ ފަދަ މީހުންނަށް ބޭނުންވާނެ ވީލްޗެއާ އާއި ހިއަރިން އެއިޑް ފޯރުކޮށްދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއްދީ، ތައުލީމީ ނިޒާމުގެ ތެރެއިން އެ ފަދަ ކުދިންނަށް ލިބޭ އެހީތެރިކަން ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.