"ދަނޑުވެރި މަންފާ" އެގްރިބިޒްނާސް މެޗިން ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް އިފްތިތާހުކޮށްފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި އެއީ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިނގަމުންގެންދާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)" ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރެވެ.
މިނިސްޓްރީގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަފާ ލޯނު ސްކީމް ވެސް އިސްލާމީ ފައިނޭންސް ނިޒާމަށް ބަދަލުކޮށް، ނަފާ ސްކީމް ތައާރަފު ކޮށްފައިވާއިރު މިނިސްޓްރީން ބުނީ އެ ދެ ސްކީމަކީ ވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ ސްކީމުތަކެއް ކަމަށެވެ.
އޭގެ ތެރެއިން ދަނޑުވެރި މަންފާ ސްކީމް އަމާޒުކޮށްފައި ވަނީ މެޕްގެ ހަރަކާތްތައް ކުރިއަށް ގެންދާ ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
މިނިސްޓްރީން ބުނީ އެ ގްރާންޓުގެ ފުރަތަމަ ބުރު ނިންމީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި ދެވަނަ ބުރުގައި ވެސް ހުޅުވާލާފައި ވަނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށް ކަމަށެވެ. އެއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ދަނޑުވެރިކަންކުރުމެވެ.
މިނިސްޓްރީން ބުނީ އެ ސްލީމަށް ގްރާންޓު އެޕްލިކޭޝަން ބަލައިގަންނާނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލުން ކަމަށެވެ.
ދަނޑުވެރި ނަފާ ފައިނޭންސިން ފެސިލިޓީއަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗާ، ޓެރަސް ނުވަތަ ވާޓިކަލް ގާޑެނިން އާއި ޕޯލްޓްރީ އެންޑް ސްމޯލް ލައިވް ފާމިން އާއި އެގްރޯ ޕްރޮސެސިން އެންޑް ވެލިއު އެޑިޝަނުގެ އިތުރުން އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ގާއިމުކުރުމެވެ.
އެ މިނިސްޓްރީން ބުނީ ޖަނަވާރުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވެޓެރިނަރީ ސާވިސް އާއި ޕެޓް ފާމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް އެ ސްކީމުގެ ދަށުން ފައިސާ ދޫކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ދެ ސްކީމުގެ ބޭނުމަކީ ރާއްޖޭގެ ދަނޑުވެރިންނަށް އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަށް ވުރެ ފުޅާކޮށް، ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުކުރުމެވެ.