ސްރީ ލަންކާގައި ކުރިއަށް ގެންދާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމަކަށް ރާއްޖޭގެ 52 ދަނޑުވެރިއަކު ފުރައިފި އެވެ. 

މިއީ، ދަނޑުވެރިންނަށް ފުރުސަތު ހުޅުވާލައިގެން އެހާ ގިނަ ބައިވެރިންނާ އެކު ކުރާ ފުރަތަމަ ތަމްރީނު ދަތުރެވެ.

އެ ޕްރޮގްރާމް ހިންގަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ އަދި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އިންނެވެ.

މިނިސްޓްރީން ބުނީ އެޑްވާންސް ހޯޓިކަލްޗާ އެކްސްޕޯޝާ ޓްރެއިނިން ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ޕްރޮގްރާމްގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާ ގޮތުގެ މައުލޫމާތާއި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ވެސް ދަނޑުވެރިންނަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންގެ ގޮތުގައި ލަންކާއަށް ދިޔަ ދަނޑުވެރިންނަކީ މެޕްގެ ފަރާތުން ކުރިއަށް ގެންދިޔަ ލީޑް ފާމާ ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ މީހުންނާއި ދަނޑުވެރިންނަށް ހުޅުވާލެވުނު ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރަން ފަށައިވާ ދަނޑުވެރިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މެޕް ޕްރޮޖެކްޓްގެ ތެރެއިން ތަމްރީނުތަކެއް ވެސް ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވެ އެވެ.

އެގޮތުން 12 ރަށެއްގައި ގްރީން ހައުސް އިންސްޓޯލުކޮށް ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަން ވަނީ ތައާރަފްކޮށްފަ އެވެ.

މިނިސްޓްރީން ބުނީ އެ ދަތުރުގެ ހުރިހާ ހަރަދެއް ކުރަން ހަމަޖެހިފައިވަނީ ޕްރޮޖެކްޓްގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.