ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޯބަރު 5) - މަނާބޭސް ބޭނުންކޮށްގެން ސަސްޕެންޑްކޮށްފައިވާ ރަޝިއާގެ އަންހެން ޓެނިސް ޗެމްޕިއަން މާރިއާ ޝަރަޕޯވާގެ ސަސްޕެންޝަނަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްްސް (ސީއޭއެސް) އިން ލުޔެއްދީފި އެވެ.
އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ޝަރަޕޯވާ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމީ މިިދިޔަ ޖޫން މަހުގަ އެވެ. ސީއޭއެސް އިން އެ މައްސަލަ ބެލުމަށް ފަހު އިއްޔެ ވަނީ ޝަރަޕޯވާގެ ސަސްޕެންޝަން 15 މަސް ދުވަހަށް ކުޑަކޮށްދީފަ އެވެ.
ޝަރަޕޯވާ ސަސްޕެންޑްކުރީ މި އަހަރު ޖެނުއަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތެރޭގައި މަނާބޭހަށް ޕޮޒިޓިވް ވެފައިވާ ކަމަށް މާޗް މަހު އަށް ވަނަ ދުވަހު އެއްބަސްވި ފަހުންނެވެ. ބޭސް ފަރުވާ އަަކަށް ޝަރަޕޯވާ ބޭނުންކުރި މެލްޑޯނިއަމް އަކީ ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު މަނާކުރި ބޭހެކެވެ. ޝަރަޕޯވާ ބުނީ މެލްޑޯނިއަމް މަނާބޭހުގެ ލިސްޓުގައި ހިމެނިކަން އޭނާ އަށް އެނގިފައިނުވާ ކަމަށެވެ.
ސީއޭއެސް އިން މި މައްސަލަ ބެލުމަށް ފަހު ނިންމީ ޝަރަޕޯވާ މެލްޑޯނިއަމް ބޭނުންކުރީ ނޭނގުމެއްގެ ތެރޭގައި ކަމަށެވެ. އަދި މިކަމަކީ ޝަރަޕޯވާ އެކޭ އެއްގޮތަށް އައިޓީއެފްގެ ވެސް އިހުމާލުން ވެފައި އޮތް ކަމެއް ކަމަށް ސީއޭއެސް އިން ބުނެ އެވެ.
މި ކަމާ ގުޅޭގޮތުން އައިޓީއެފުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއިން މުސްތަގުބަލުގައި މަނާބޭހުގެ މައުލޫމާތު ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ)އާ ގުޅިގެން ކުޅުންތެރިންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ފެޑެރޭޝަނުން ޒިންމާ އަދާކުރާ ގޮތަށް ކުޅުންތެރިން ވެސް ޒިންމާ އަދާކުރަން ޖެހޭނެ ކަމަށް އައިޓީއެފުގެ ބަޔާނުގައިވެ އެވެ.
އުމުރުން 29 އަހަރުގެ ޝަރަޕޯވާ އަށް ސަސްޕެންޝަނަށް ފަހު އެނބުރި ކުޅުމަށް އާދެވޭނީ އަންނަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އެވެ.