މޮސްކޯ (ފެބްރުއަރީ 28) - ޓެނިހުގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދި ރަޝިއާގެ މަޝްހޫރު އަންހެން ޓެނިސް ތަރި މާރިއާ ޝަރަޕޯވާ އަނިޔާގެ މައްސަލަތަކާ ހެދި ކުއްލިގޮތަކަށް ރިޓަޔާކޮށްފި އެވެ.

އުމުރުން 32 އަަހަރުގެ ކުރީގެ ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ޝަރަޕޯވާ ރިޓަޔާކުރީ 10 އަހަރު ވަންދެން ތަކުރާރުކޮށް ދިމާވާ ކޮނޑުގެ އަނިޔާގެ މައްސަލަތަކަށް ހައްލެއް ލިބޭގޮތްނުވެ ކުޅުން ކުރިއަށްގެންދެވެން ވެސް ނެތުމުންނެވެ. ޝަރަޕޯވާގެ ކޮނޑަށް އެންމެ ފުރަތަމަ އަނިޔާވީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން ފިޓްވެގެން އެނބުރި ކުޅުމަށް އައި ނަމަވެސް އަނެއްކާ އަނިޔާގެ މައްސަލަ ދިމާވަނީ އެވެ.

"ޓެނިހުގެ ދުނިޔެ އަށް މިއީ އަހަރެންގެ ވަދާއީ ސަލާމް. ޓެނިހުގައި 28 އަހަރު ވަންދެން އުޅެ ފަސް ގްރޭންޑް ސްލޭމް ތަށްޓަށް ފަހު މި ހިސާބުން އަހަރެން މިސްރާބު މި ޖަހަނީ ދިރިއުޅުމުގެ އާ ޗެޕްޓަރަކަށް،" ރިޓަޔާކުރުމަށް ފަހު ވޯގް އެންޑް ވެނިޓީ ފެއާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޝަރަޕޯވާ ބުންޏެވެ.

ފާއިތުވި އަހަރެއްހާ ދުވަހު ޝަރަޕޯވާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނެ އެވެ. ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ވެސް ޝަރަޕޯވާ އަށް ވަނީ ފުރަތަމަ ބުރު ފަހަނައަޅައި ދެވޭގޮތް ނުވެފަ އެވެ. ރިޓަޔާކުރިއިރު ޝަރަޕޯވާގެ ރޭންކިން އަކީ 373 ވަނަ އެވެ.

ޝަރަޕޯވާ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު އެއް ކަމަކީ ވޯލްޑް ޓެނިސް ފެޑެރޭޝަނުން 2016 ވަނަ އަހަރު ޝަރަޕޯވާ ދެ އަހަރު ދުވަހަށް ސަސްޕެންޑްކުރަން ނިންމުމުންނެވެ. ޝަރަޕޯވާ ސަސްޕެންޑްކުރީ މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. ޝަރަޕޯވާ ބޭނުންކުރި މެލްޑޯނިއަމް އަކީ 2006 ވަނަ އަހަރުން ފެށިގެން އޭނާ ބައްޔަކަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ބޭހެއް ކަމަށް އޭރު ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވޯލްޑް އެންޓިޑޯޕިން އެޖެންސީ (ވާޑާ) އިން ވަނީ މެލްޑޯނިއަމްގެ މަނާ ބޭހުގެ ގޮތުގައި ލިސްޓު ކޮށްފަ އެވެ. ޝަރަޕޯވާ ބުނީ އޭނާ އަށް އެކަން ނޭނގޭ ކަމަށެވެ.

އެހެން ނަމަވެސް ފަހުން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ޝަރަޕޯވާ ވަނީ ސަސްޕެންޝަންގެ މުއްދަތު 15 މަހަށް ކުޑަކޮށްފަ އެވެ. އެ ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް 2017 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ޝަރަޕޯވާ ވަނީ މުބާރާތްތަކުގައި ވާދަކުރަން ފަށައިފަ އެވެ.

ކުޅުމަށް އެނބުރި އައިސް ޝަރަޕޯވާ އަށް އެންމެ ރަނގަޅު ކުޅުން ނުދެއްކުނުއިރު އަނިޔާގެ ސަބަބުން ގިނަ މުބާރާތްތަކެއް ގެއްލުމުން އޭނާ ނިންމީ ކުޅުމާ ދުރަށްދާށެވެ.