ލަންޑަން (ސެޕްޓެމްބަރު 16) - މަނާބޭހަށް ޕޮޒިޓިވުމުގެ ސަބަބުން ދިން އަދަބު ތަންފީޒުކުރުމަށް ފަހު އެނބުރި ކޯޓަށް އައުމުން މަކަރުވެރިއެކޭ ބުނެ ދިމާކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށް މަޝްހޫރު ޓެނިސް ކުޅުންތެރިއާ ރަޝިއާގެ މާރިއާ ޝަރަޕޯވާ ބުނެފި އެވެ.

މަނާބޭހަށް ޕޮޒިޓިވް ވުމުން މިދިޔަ އަހަރު ޖެނުއަރީ މަހުގައި ވަނީ ޝަރަޕޯވާ ދެ އަހަރަށް ޓެނިސްގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފަ އެވެ. ޝަރަޕޯވާ ބޭނުންކުރި މެލްޑޯނިއަމް އަކީ 2006 ވަނަ އަހަރުން ފެށިގެން އޭނާ ބައްޔަކަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ބޭހެއް ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ވޯލްޑް އެންޓިޑޯޕިން އެޖެންސީން ވަނީ މެލްޑޯނިއަމްގެ މަނާ ބޭހުގެ ގޮތުގައި ލިސްޓު ކޮށްފަ އެވެ. ޝަރަޕޯވާ ބުނީ އޭނާ އަށް އެކަން ނޭނގޭ ކަމަށެވެ.

އެހެން ނަމަވެސް ފަހުން އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ޝަރަޕޯވާ ވަނީ ސަސްޕެންޝަންގެ މުއްދަތު 15 މަހަށް ކުޑަކޮށްފަ އެވެ. އެ ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް މި އަހަރު އޭޕްރީލް މަހުން ފެށިގެން ޝަރަޕޯވާ އަންނަނީ ޓެނިސް މުބާރާތްތަކުގައި ބައިވެރިވަމުންނެވެ.

"އެންމެންގެ ވެސް ހިޔާލެއް އޮންނާނެ. ފާޑުކިޔަންވާނެ. އެކަމަކު ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަހަންނަކީ މަކަރުވެރިއެއްގެ ގޮތުގައި ލޭބަލް ކުރުމަކީ ހަގީގަތް އޮޅުވާލުން. އަހަރެން ވާނީ މިކަން ހިނގާދިޔަ ގޮތް ކިޔައިދީފައި. އެހެންވުމުން އަހަރެން ދޮގެއް ހަދާފައިނުވާކަން އެ އޮތީ ސާބިތުވާން،" ކުރީގެ އެއް ވަނަ ކުޅުންތެރިއާ ޝަރަޕޯވާ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޝަރަޕޯވާ އަށް އެންމެ ބޮޑަށް ފާޑުކީ އެއް ކުޅުންތެރިއަކީ ކެނަޑާގެ އެގެއިނީ ބޯޗާޑް އެވެ. އޭނާ ވަނީ ޝަރަޕޯވާ އަށް އަލުން ޓެނިސް މުބާރާތްތަކުން ފުރުސަތު ދިނުމަކީ އިންސާފުވެރި ނިންމުމަކަށް ނުވާނެ ކަމަށެވެ.

އެގެއިނީ އަށް ރައްދު ދިނުމުގެ ގޮތުން ޝަރަޕޯވާ ބުނީ ކޮންމެ ފާޑުކިއުމެއް ވެސް ބަލައިގަންނާނެ ކަމަށާއި އެހެން ނަމަވެސް ގަބޫލުކުރާނީ ހަގީގަތް ކަމަށެވެ.

"އެ ވާހަކަ ތަކަކީ (އެގެއިނީގެ ވާހަކަތައް) އަހަރެން ދެކޭ ގޮތުގައި އެއްވެސް އަސްލެއް އޮވެގެން ދެއްކި ވާހަކަ ތަކެއް ނޫން. އެއީ ކަން ހިނގާދިޔަ ގޮތައް ބެލުމެއް ނެތި އަމިއްލަ ހިޔާލުގައި ވާހަކަ ތަކެއް ދެއްކީ. އަހަރެން މާ ބޮޑު ސަމާލުކަމެއް އެކަމަށް ނުދެން،" ޝަރަޕޯވާ ބުންޏެވެ.

އުމުރުން 30 އަހަރުގެ ޝަރަޕޯވާ ބުނީ އެއްވެސް އިރެއްގައި ކުޅުމުން މަކަރު ހަދަން މަނާބޭހެއް ބޭނުންނުކުރާ ކަމަށާއި މުސްތަގުބަލުގައި ވެސް ކުރިއަށްދާނީ އެ ގޮތަށް ކަމަށެވެ.