މެންޗެސްޓާ (މެއި 25) - މެންޗެސްޓާގައި ބޮމުގެ ހަމަލާ ދީ 22 މީހުން މަރާލި ހާދިސާގެ ފަހަތުގައިވާ މީހުން ހޯދުމުގެ މަސައްކަތް ފުޅާކޮށް މިހާތަނަށް ހަތް މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
މެންޗެސްޓާ އެރީނާގައި ބޭއްވި އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ގްރެންޑެގެ ޝޯ އަށް ފަހު ދިން ބޮމުގެ ހަމަލާގައި 22 މީހުން މަރުވެ 64 މީހުން ވަނީ ޒަޚާމްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ. ބޮމުގެ ހަމަލާ ދިން ސަލްމާން އާބިދީ، 22، ގެ ބައްޕަ އާއި ކޮއްކޮ ވަނީ ލީބިއާ އިން ހައްޔަރުކޮށްފަ އެވެ. އަދި އާބިދާގެ ބޭބެ ވަނީ މެންޗެސްޓާ އިން ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ވިގަން އިން ފަސް ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރި އިރު ގެންގުޅުނު ޕެކޭޖް ފުލުހުން މިހާރު ދަނީ ބަލާ ފާސްކުރަމުންނެވެ.
އިނގިރޭސި ވިލާތުގައި މިހާރު ވަނީ ޓެރަރިޒަމްގެ ނުރައްކާ ލެވެލް މަތިކޮށްފަ އެވެ. އެއީ ޓެރަރިސްޓް ހަމަލާތަކުގެ އިތުރު ނުރައްކާ އޮތުމުންނެވެ. އިނގިރޭސި ވިލާތުގެ މުހިންމު ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އިތުރު ސިފައިން ވަނީ ނެރެފަ އެވެ.
ހޯމް ސެކްރެޓަރީ އެމްބާ ރޫޑް ވިދާޅުވީ ހޯމަ ދުވަހު މެންޗެސްޓާގައި ދިން ހަމަލާ އަކީ ކުރިން ދިން ހަމަލާތަކަށް ވުރެ ބޮޑަށް ރޭވިގެން ދިން ހަމަލާއެއް ކަމަށާއި އަދި އެ ހަމަލާގެ ފަހަތުގައި އިތުރު މީހުންވާނެ ކަމަށް ބެލެވޭ ކަމަށެވެ. މެންޗެސްޓާ ފުލުހުންގެ ވެރިޔާ ވެސް ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި ނެޓްވޯކެއް ވާ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.