މެންޗެސްޓާ (މެއި 23) - މެންޗެސްޓާ އެރީނާގައި ދިން ބޮމުގެ ހަމަލާގައި 19 މީހުން މަރުވެ، 50 މީހުން ޒަޚަމްވެއްޖެ އެވެ.
ބޮން ގޮއްވާލާފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ގްރޭންޑެގެ ކޮންސެޓަށް ފަހު އެވެ. އޭރު އޭނާ ވަނީ ސްޓޭޖް ދޫކޮށް ގޮހެވެ. މެންޗެސްޓާ އެރީނާ އަކީ އެ ސިޓީގެ އެންމެ ބޮޑު އިންޑޯ ވެނިއު އެވެ. އެތަނުގެ ޖާގައަކީ 18،000 އެވެ.
ނޯތު ވެސްޓަން އެމްބިއުލެންސް ސާވިސް އިން ބުނީ 59 މީހުން ޒަޚަމްވި ކަމަށެވެ. ގްރޭޓާ މެންޗެސްޓާ ޕޮލިސް އިން ބުނީ ހަމަލާއާ ގުޅިގެން އިމަޖެންސީ ނަމްބަރެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.
ބޮޑު ވަޒީރު ތެރޭސާ މެއި ވަނީ ކޮންޒަވެޓިވް ޕާޓީގެ އާއްމު އިންތިޚާބުގެ ކެމްޕޭން މެދުކަނޑާލެއްވުމަށް ފަހު އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެންފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޖާނުންފިދާވުމުގެ ހަމަލާ ދޭ މީހެކެވެ. ހަމަލާ ދިން މެންޗެސްޓާ އެރީނާގެ ކައިރީގައިވާ ވިކްޓޯރިއާ ރޭލް ސްޓޭޝަނުގެ ޚިދުމަތް ހުއްޓާލާފައިވާ ކަމަށް ބްރިޓިޝް ޓްރާންސްޕޯޓް ސާވިސް އިން ވަނީ ބުނެފަ އެވެ.
އަންހެނުންނާއި ދަރިފުޅު ބަލާ ގޮސް ކޮންސެޓް ހޯލަށް ވަދެ ހުރި އެންޑީ ހޯލޭ ބުނީ ބޮން ގޮއްވާލުމާ އެކު އޭނާ 30 ފޫޓަށް ވިއްސައިގެން ދިޔަ ކަމަށެވެ. އަދި އޭނާ ތެދުވި އިރު މީހުންތައް ވެއްޓިފައި ތިބި ކަމަށް ބުންޏެވެ.
"އަހަރެން އެންމެ ފުރަތަމަ ވެސް ބެލީ އާއިލާގެ މެންބަރުން ހޯދަން. އެންމެ ފަހުން އެ މީހުން ފެނުނު އިރު ތިބީ ސަލާމަތުން. ބޮމުގެ ހަމަލާ ދީފައި ވަނީ އެރީނާގެ ބޮކްސް އޮފީހުގައި،" އޭނާ ބުންޏެވެ.
އުމުރުން 15 އަހަރާއި 17 އަހަރުގެ ދެ ދަރިން ބަލާ ގޮސް ހުރި އެމާ ޖޯންސަން ބުނީ ބޮމުގެ ސަބަބުން މުޅި އިމާރާތަށް ގުޑުން އެރި ކަމަށެވެ.