ރާޅު ބޯއިގެ ނަމުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި ވިދާލި ލަވަ ކިޔުންތެރިޔާ އަހުމަދު ނަޒީހްގެ ފުރަތަމަ އޮރިޖިނަލް ސޯލޯ ލަވަ "ރާޅޭ" މި މަހުގެ 22 ގައި ނެރެން ނިންމައިފި އެވެ.
ނަޒީހް ބުނީ މި ލަވައަކީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމްގައި ހިމެނޭ ހަ ލަވައިގެ ތެރެއިން ލަވައެއް ކަމަށެވެ. ހުރިހާ ލަވަތަކަކާ އެކު އަލްބަމް ނެރުމުގެ ކުރިން އޭނާ ނިންމާފައި ވަނީ ކޮންމެ ތިން މަހަކުން ލަވައެއް އާންމުންނަށް ދޫކޮށްލައި، އަލްބަމްގެ ހަ ލަވަ ހަމަ ކުރާށެވެ.
"އަލްބަމްގައި ހިމެނޭނީ މުޅިން ވެސް ދިވެހި ލަވަތައް،" އޭނާ ބުންޏެވެ.
ނަޒީހް ބުނީ ފުރަތަމަ ލަވަ "ރާޅޭ" އާންމުންނަށް ދޫކޮށްލެވޭތީ ވަރަށް އުފާވާ ކަމަށާއި ލަވަ އާންމުންނަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އެންމެ އުފާވަނީ މި އަހަރެންގެ ފުރަތަމަ ލަވައަށްވާތީ. މި ލަވަ ވުޖޫދަށް ގެނައުމުގައި މަސައްކަތްކޮށް ދިން ހުރިހާ އެންމެންނަށް ޝުކުރު ވެސް އަދާ ކުރަން،" ލަވަ ރިލީޒް ކުރަން ބާއްވާ ހަފުލާ އޮންނާނެ ތަން ފަހުން އިއުލާން ކުރާނެކަން ފާހަގަކޮށް އޭނާ ބުންޏެވެ.
މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނުން ވިދާލި ބައެއް ލަވަ ކިޔުންތެރިން މިހާރު އެ މީހުންގެ ލަވަތަކެއް ވީޑިއޯއާ ވެސް ނެރެފައި ވާއިރު، ބައެއް ލަވަ ކިޔުންތެރިން އަންނަނީ ފިލްމްތަކަށް ވެސް މިހާރު ލަވަ ކިޔަމުންނެވެ.