އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީވީ އަދި ރޭޑިއޯ ފެސްޓިވަލްގައި މި އަހަރު ރާއްޖޭން، މޯލްޑިވިއަން އައިޑޮލް ސީޒަން 2 ކާމިޔާބުކުރި ލަވަ ކިޔުންތެރިޔާ މުހައްދު ތަސްނީމް (ބޮބް) އަށް ލިބިއްޖެ އެވެ.

އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ބޮބް ހުށަހަޅައި ދޭން ހަމަޖެހިފައި ވަނީ "އަ ޓްއަރިސްޓް ވިއު" ނަމަކަށް ކިޔާ ލަވައެކެވެ. ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޗެންޑޫގައި ބާއްވާ ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ދައުލަތުގެ މީޑިިއާ ޕީއެސްއެމުން ބޮބަށް މި ފުރުސަތު ތަނަވަސްކޮށް ދިން އިރު، އޭނާ ވަނީ މޯލްޑިވިއަން އައިޑޮލް 2 ގައި ލަވަ ކިޔުމުގެ ހުނަރު ވަރަށް ބޮޑަށް ދައްކާލައި، އެތައް ބައެއްގެ ހިތް އަތުލައިފަ އެވެ. ބޮބް ބޮޑަށް ފާހަގަކުރެވިފައި ވަނީ ތަންކޮޅެއް ބޮޑެތި އަދި އުނދަގޫ ލަވަތައް ކިޔާ ލަވަ ކިޔުންތެރިއެއްގެ ގޮތުގަ އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވާފަ ކުރުމުގެ ކުރިން ވެސް އޭނާއަކީ މިއުޒިކްގެ ތެރޭގައި އުޅެމުން ދިޔަ ފަންނާނެކެވެ. ކ. މާފުއްޓަށް އުފަން ބޮބް މިއުޒިކީ ދާއިރާގައި ފިޔަ ޖަހަން ފެށީ 2014 ވަނަ އަހަރު އެވެ. އެ ދުވަސްވަރު އޭނާ ގެންދިޔައީ "ދި ސްޓްރިންގްސް" ކިޔާ ބޭންޑަކާ އެކު ރިސޯޓްތަކުގައި ވެސް މިއުޒިކް ކުޅެމުންނެވެ. ނަމަވެސް އާންމުންގެ މެދުގައި އޭނާ އެންމެ ބޮޑަށް ވިދާލީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުންނެވެ.

މިި ފަހަރުގެ ފެސްޓިވަލްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 14 ގައުމަކުން ފަންނާނުން ބައިވެރިވެ އެވެ.

މި ފެސްޓިވަލްގައި މީގެ ކުރިން ވެސް ރާއްޖޭގެ މަޤްބޫލު ބައެއް ފަންނާނުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި މަރިޔަމް އުނޫޝާ (ކިޑީ)، މޫޝަން މުބާރިކް (މުންމު) އަދި ބަތޫލް އަހުމަދު ފަދަ ލަވަ ކިޔުންތެރިން ހިމެނެ އެވެ.