އިސްލާމްދީނަކީ ސާބިތުކަމާއެކު އަބަދުވެސް އީޖާދީ ކުރިއެރުމާއި ތަހުޒީބާއި އިންސާނީ ދިރިއުޅުން ފަސޭހަކޮށްދޭ ތަރައްގީ އަށް ބާރު އަޅާ މަތިވެރި ދީނެކެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ 15 އަހަރުގެ ރަން ދަތުރަކީ ދީނީ އުސޫލުތަކުގައި ސާބިތުވެ ތިބެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގައުމަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެވިދާނެކަން ސާބިތުކޮށްދިން ދަތުރެކެވެ.
އިސްލާމީ މާލީ ނިޒާމުގެ އިތުބާރާ އެކު، އެމްއައިބީ އިން ވަނީ ރާއްޖޭގެ ބޭންކިން ދާއިރާ މުޅިން ބަދަލުކޮށްލައިފަ އެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އޮންލައިންކޮށް ވަގުތުން އެކައުންޓް ހުޅުވޭނެ އިންތިޒާމާއި ވަގުތުން ޑެބިޓް ކާޑު ދޫކުރުމުގެ އިތުރުން "ފައިސާވެއާ" އަނގޮޓި އާއި ޓެގް ފަދަ ޒަމާނީ ޕޭމަންޓް ހައްލުތައް ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފުކުރި ބޭންކަކީ ވެސް އެމްއައިބީ އެވެ.
ކަސްޓަމަރުން ބޭންކަށް "ސައިންއަޕް" ވުމުން ފެށިގެން އުޖާލާ ފައިނޭންސިން އަށް އެދުމާއި އެކައުންޓްތައް ބެލެހެއްޓުމާ ހަމައަށް ބޭންކުގެ މައިގަނޑު ހުރިހާ ހިދުމަތްތަކެއް މިހާރު ވަނީ ޑިޖިޓަލައިޒްކޮށް، އާންމުންގެ ދިރިއުޅުމަށް ބޮޑު ލުޔެއް ގެނެސްދީފަ އެވެ.
އިންސާނުންގެ ލާބަޔާއި ފަސޭހައަށްޓަކައި އިލްމާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް އިސްލާމްދީން އިރުޝާދުދޭ ފަދައިން، ބޭންކުގެ ޑިޖިޓަލް ވަސީލަތްތަކަށް ކަސްޓަމަރުންގެ އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިގޮތުން 2026 ގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރާ ދެމެދު އިންޓަނެޓް އަދި މޮބައިލް ބޭންކިން ލޮގިން ކުރި އަދަދު 3.76 މިލިއަނުން 4.19 މިލިއަނަށް ވަނީ އިތުރުވެފަ އެވެ. މިއީ 11.4 ޕަސެންޓުގެ އިތުރުވުމެކެވެ.
ޑިޖިޓަލް މުއާމަލާތްތަކުގެ އަދަދު ވަނީ 25 މިލިއަނުން 29.95 މިލިއަނަށް އިތުރުވެފަ އެވެ. މިއީ 19.7 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ބޭންކުގެ އޭޓީއެމް މުއާމަލާތްތަކާއި ޕީއޯއެސް މުއާމަލާތްތައް އަދި ކާޑު މުއާމަލާތްތައް ކުރި އަދަދު 3.72 މިލިއަނަށް އަރަ އެވެ.
މި ކާމިޔާބީތަކުގެ އެންމެ ބޮޑު ސަބަބެއްގެ އެމްއައިބީ އިން ފާހަގަކުރަނީ ދުނިޔެއަށް އަންނަ ކުރިއެރުންތަކާ އެކު ފައިހަމަކުރުމުގެ ގޮތުން "ފައިސާނެޓް" އާއި "ފައިސާމޯބައިލް އެކްސް" އާއި "އެޕްލައިނައު ޕޯޓަލް" ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ގެނައި އިސްލާހުތަކާއި ޕީއޯއެސް ހިދުމަތްތައް ފުޅާކުރުމެވެ. މިއަދު އެމްއައިބީގެ 90 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުން ހިދުމަތް ހޯދަނީ ބްރާންޗަށް ނުގޮސް މޯބައިލް ބޭންކިން އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށެވެ.
"އުޖާލާނައު" މެދުވެރިކޮށް އުޖާލާ ފައިނޭންސިންގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް މެނޭޖް ކުރެވޭއިރު، އޭޓީއެމް/އީސީއާރުއެމް އަދި ޕޭމަންޓް ގޭޓްވޭ ފަދަ ވަސީލަތްތަކުން ކަސްޓަމަރުންނަށް އަވަސް، ފަސޭހަ ހިދުމަތެއް ލިބެ އެވެ.
އަމާނާތްތެރިކަމާއި ރައްކާތެރިކަމަކީ އިސްލާމީ މުއާމަލާތްތަކުގެ މައިގަނޑު އަސާސް ކަމަށް ވާތީ، އެމްއައިބީ އިން އަންނަނީ ބޭންކިން ނިޒާމުގެ ރައްކާތެރިކަން ވަރުގަދަކޮށް، ހިދުމަތްތަކުގެ އިތުބާރު ބޮޑުކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.
ފަނަރަ އަހަރުގެ މި ދަތުރުގައި އެމްއައިބީ އިން ވަނީ އިސްލާމްދީނަކީ އަބަދުވެސް ތަރައްގީ އާއި ޒަމާނީ ކުރިއެރުމާއި އީޖާދީ ބަދަލުތަކަށް މަގުފަހިކޮށްދޭ ދީނެއްކަން އަމަލުން ސާބިތުކޮށްދީ، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިސްލާމިކް ބޭންކުގެ މަގާމު ހޯދައިފަ އެވެ.