މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމްކޮށްގެން މާދަމާ ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބައިވެރިވާކަން އެ ބޭންކުން އިއުލާންކޮށްފި އެވެ. 

ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު މާދަމާ ފަށާ އެ އެކްސްޕޯ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި އެކްސްޕޯ އޮންނާނީ ހަވީރު 3 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. 

އެމްއައިބީއިން ބުނީ އެ އެކްސްޕޯގައި ހުންނަ އެމްއައިބީ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އަދި ލުއި ފަސޭހަ ހިދުމަތްތަކެއް ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ސިކުންތުކޮޅެއްގެ ތެރޭގައި ވަގުތުން އެކައުންޓް ހުޅުވައިދިނުމާއި ކާޑު އިޝޫކުރުމާއި އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކާއި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ޝަރީއާ ހުއްދަކުރާ ފައިނޭންސިންގް ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެތަނުން ލިބެން ހުންނާނެ ކަމަށް އެމްއައިބީއިން ބުންޏެވެ. 

އެ އެކްސްޕޯ މިއަހަރު ބާއްވަނީ "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗާސް: އިންކްލޫޝަން، އިނޮވޭޝަން، އެންޑް އިންޓެލިޖެންސް" ގެ ޝިއާރުގެ ދަށުންނެވެ. 

އެމްއައިބީއިން ބުނީ ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމީ ބޭންކުގެ ހައިސިއްޔަތުން އެ ބޭންކުގެ މައިގަނޑު އަމާޒަކީ ފަސޭހަ ކަމާއި ރައްކާތެރި އަދި ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ބޭންކިންގެ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެތައް ހާސް ބަޔަކު ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ އެ އެކްސްޕޯއަކީ ރާއްޖޭގެ މާލީ ދާއިރާއަށް އަންނަ ބޮޑެތި ބަދަލުތައް ތަޖުރިބާކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެ އެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފުމަށް އެމްއައިބީއިން އެދެ އެވެ.