ސަރުކާރުގެ ނުފޫޒާއެކު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މީޑިއާތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅެ، ބިރުދައްކައި އިންޒާރުދޭ މައްސަލަ ދިފާއުކޮށް އެ ކޮމިޝަނުން މިއަދު ވާހަކަ ދައްކައިފި އެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓުކުރުމުގެ ދުވަސް ފާހަގަކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކޮމިޝަނުގެ ގާނޫނީ ޒިންމާއަދާނުކޮށް، މީޑިއާތަކަށް ބިރުދައްކައި އަދަބުދީ ކުރިއެރުމަށް ހުރަސްއެޅޭ ނިންމުންތައް ނިންމަނީ ކީއްވެތޯ "މިހާރު"ން ސުވާލު ދެންނެވުމުން ޝަހީބު ވިދާޅުވީ މީޑިއާތަކުން އެގޮތަށް ތަރުޖަމާކުރި ނަމަވެސް އިންޒާރު ނުދޭ ކަމަށެވެ. މީޑިއާތަކާ ގުޅޭ ގޮތުން ފަހުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީ ވެސް ނަސޭހަތް ކަމަށް ވިދާޅުވި އެވެ.
އެ ކޮމިޝަނަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްކަން ފާހަގަކުރައްވައި ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓަރުންނަށް ނަސޭހަތް އަދި އިންޒާރު ދޭންޖެހޭނީ ވެސް އެ ކޮމިޝަނުން ކަމަށެވެ. މީގެކުރިން، ބްރޯޑްކާސްޓަރުންނަށް އެހެން ދާއިރާތަކުން އިންޒާރު ދީފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަންނަވަނީ އެ ބޭފުޅުން އިންޒާރު ނުދެއްވާށޭ، ބްރޯޑްކާސްޓަރުންނަށް. އަޅުގަނޑުމެންނޭ ނަސޭހަތްދޭނީ، އެއީ އަޅުގަނޑުމެންގެ ބައެކޭ. އެހެންވީމާ އަޅުގަނޑުމެން ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވަމުން މިދަނީ ތިބޭފުޅުން މިވެނި ހިސާބަކަށް، ރަތާ ހަމައަށް މިދަނީއޭ އެ ހިސާބަށް ނާރާށޭ. އެ ހިސާބަށް އެރީމަ ނުރައްކާވަނީއޭ،" ޝަހީބު ވިދާޅުވި އެވެ.
"ބްރޯޑްކާސްޓަރުން ކުށުން ސަލާމަތްކުރަން އަޅުގަނޑުމެން އިލްތިމާސް ދަންނަވަނީ، މިވެނި ހިސާބަކަށް ދަނީއޭ، އެހެން ނުހައްދަވާށޭ. އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެން ހިމާޔަތް ކުރަން އެބެޖެހޭ ދެއްތޯ."
ބްރޯޑްކާސްޓަރުންނަށް ދަންނަވާލަން، އާއްމު މަސްލަހަތަށް ވުރެން ޚާއްސަ މަސްލަހަތު އިސްނުކުރަން. މިހެން މިދެންނެވީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީ ލިބިގެން ދިއުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނީ މުޅި މުޖުތަމައުގެ އާއްމު މަސްލަހަތަށް. --ޝަހީބް
މުޒާހަރާތައް ބޭއްވުމުގެ ކުރިން، އެއީ ގާނޫނާ ޚިލާފު މުޒާހަރާއެއް ކަމަށް ދޭހަވާ ގޮތަށް ބަޔާން ނެރެ އެފަދަ މުޒާހަރާތައް ލައިވްނުކުރަން އިންޒާރު ދެނީ ކީއްވެތޯ ދެންނެވުމުން ޝަހީބު ވިދާޅުވީ އެކަން ކުރަނީ ވެސް ގާނޫނާ ޚިލާފު ކަމަކަށް ނޫސްވެރިން އަރައިގަތުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ. ބަޔާން ނެރެނީ، އެފަދަ މުޒާހަރާތަކަކީ ގާނޫނާ ޚިލާފު މުޒާހަރާތަކެއް ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގައިޑްލައިންގައި ބުނެފައި އޮންނާނެ ސިޔާސީ ޕާޓީއަކުން މުޒާހަރާއެއް ކުރާނަމަ އެ ކުލައެއްގެ ތޮއްޕެއް ވެސް ނޫސްވެރިން ނާޅައްޗޭ. އެ ވަރަށް ބުނެފައި އޮންނައިރު ވެސް ވާގޮތަކީ އަޅުގަނޑުމެންގެ މި އިލްތިމާސްއާ ޚިލާފަށް ނޫސްވެރިން ގޮސް ގޮޅިން ބޭރަށް، ގާނޫނު ހުރަސްކޮށް ދިޔައީމަ ކުށަށް އަރައިގަނެވެނީ. އެހެންވީމަ އަޅުގަނޑުމެން އަބަދުވެސް މަސައްކަތް މިކުރަނީ ނޫސްވެރިން ކުށަށް އަރައިގަނެ ނުދިނުމަށް ކުރެވެން އޮތް މަސައްކަތެއް ކުރަން،" އޭނާ ވިދާޅުވި އެވެ.
ޝަހީބު ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓުކުރުމުގެ ތެރޭގައި އެންމެ އިސްކަންދޭ އެއް ކަމެއްގެ ގޮތުގައި އިންސާނީ ކަރާމާތް ރައްކާތެރިކޮށްދިނުން ހިމަނަންޖެހެ އެވެ. އިންސާނީ ކަރާމާތްތައް ވެއްޔާ މޮޑެވޭގޮތަށް ބްރޯޑްކާސްޓަރުން އަމަލުނުކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ.
"ހަމައެއާއެކު ބްރޯޑްކާސްޓަރުންނަށް ދަންނަވާލަން، އާއްމު މަސްލަހަތަށް ވުރެން ޚާއްސަ މަސްލަހަތު އިސްނުކުރަން. މިހެން މިދެންނެވީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީ ލިބިގެން ދިއުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނީ މުޅި މުޖުތަމައުގެ އާއްމު މަސްލަހަތަށް،" ޝަހީބް ވިދާޅުވި އެވެ.
ޝަހީބް ވިދާޅުވީ މި އަހަރު އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މީހުންގެ އަބުރާ ބެހުނު ކަމުގެ ޝަކުވާ ކަމަށެވެ. ހިޔާލުފާޅުކުރުމާއި އަބުރުގެ ރައްކާތެރިކުރުމގެ ގާނޫނުގެ ދަށުން 32 ޝަކުވާއެއް ބެލިއިރު މިހާތަނަށް އެންމެ ގިނައިން ގާނޫނާ ހިލާފުވެފައި ވަނީ ރާއްޖެ ޓީވީން ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނާ ޚިލާފުވެގެން ތިން ސްޓޭޝަނަކުން 1.9 މިލިއަން ރުފިޔާ އިން މިހާތަނަށް ޖޫރިމަނާކޮށްފައިވެ އެވެ.